އައްޑޫ ސިޓީ މަރަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އައްޑޫ ސިޓީ މަރަދޫ، ޗަމަން ގޭގައި ކަމަށެވެ. ރޭ 08:00 ޖަހާކަށްހާއިރު ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 11:00 ޖަހާކަށްހާއިރު ކަމަށް އެމްއެންޑީއެފް މައުލޫމާތު ދީފައި ވެއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، މަރަދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުންގެ މަސައްކަތުން އަލިފާން ނިއްވާލާފައިވާއިރު އެއްވެސް މީހަކަށް އެ ހާދިސާގައި އަނިޔާވެފައި ނުވާ ކަމަށްވެއެވެ.
އަލިފާނުގެ ހާދިސާ ހިނގި ގޭގެ ފޮޓޯތައް އެމްއެންޑީއެފްއިން އާންމުކޮށްފައިވާއިރު ފޮޓޯތަކުން ފެންނަނީ އެ ގޭގެ ބޮޑު ބައެއް އަނދާފައިވާ މަންޒަރެވެ. އަދި ފާރުތައް ވެސް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވާތަން ފޮޓޯތަކުން ފެނެއެވެ.
އައްޑޫ ސިޓީގައި މިފަދަ ހާދިސާއެއް ހިނގާފައިވާއިރު އިއްޔެ މާލޭގައިވެސް އެއް ވަގުތެއްގައި ދެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވެއެވެ. އެގޮތުން އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގ. މިތުރުގެ އިތުރުން މ. ސަފާގޭގައެވެ. ގަލޮޅު ހަލަވެލި ގޯޅީގައި ހުންނަ މިތުރުގެ އަލިފާނުގެ ހާދިސާގައި އެއް ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
އަދި ސަފާގޭގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެގޭގައި ހުރި ގުދަނެއްގައެވެ. މި ދެ ހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.
