މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާ ގުޅިގެން ސ. މަރަދޫފޭދޫ އުއްމީދު ގެ 90 ދުވަހަށް ބަންދުކުރުމަށް ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް އެ ގެއަށް ވަދެ ތިއްބައި، މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އާއި ސ. މަރަދޫފޭދޫ ފަރިވިލާ، އާއިޝަތު ސަލީމް (37އ) ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ފުލުހުން ބުނީީ މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މި ޖުލައި މަހުގެ 13 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ފަނަރަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުންނެރުނު އަމުރާ ގުޅިގެން ސ. މަރަދޫފޭދޫ އުއްމީދު ގެ ބަންދުކޮށްފައިވަނީ 2026 ޖޫން 15 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެއްކަމަށެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ވާހަކަ ފުލުހުން ހާމަކޮށްފައިވެއެވެ.
