ވޯލްޑްކަޕްގެ ގްރޫޕް އެފްގެ ދެވަނަ މެޗުގައި މިއަދު ހެނދުނު ޓިއުނީޝިއާއާ ސުވިޑަން ވާދަކޮށް 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސުވިޑަން މޮޅުވެއްޖެއެވެ.
ސުވިޑަންގެ ފަރާތުން ބަލާ ހިތްވާ އަވަސް ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެސް އެޓީމުންނެވެ. މިލަނޑު ސުވިޑަންއަށް ކާމިޔާބުކޮށް ދިނީ ޔާސިން އަޔާރީއެވެ.
ލަނޑު ޖެހުމަށް ފަހު އަޔާރީ އުފާ ފާޅުނުކުރާކަން މެޗުގެ ކޮމެންޓޭޓަރުން ފާހަގަކުރި އިރު އޭނާ އުފާ ފާޅުނުކުރީ އޭނާގެ ބައްޕައަކީ ޓިއުނީޝިއާއަށް އުފަން މީހަކަށް ވުމާއެކު ބައްޕަައަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.
މެޗުގައި ދެން ފެނިގެން ދިޔައީ އިންގްލިޝް ޕްރިމިއާ ލީގުގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާ، ލިވަޕޫލްގެ އެލެގްޒެންޑާ އައިސެކްގެ ގޯލެކެވެ. އިންޖަރީގެ ސަބަބުން މިދިޔަ ސީޒަންގައި ލިވަޕޫލުގައި ރަނގަޅަށް ޕޯފޯމްނުކުރެވުނު އައިސެކް މިއަދުގެ މެޗުގައި ވަނީ ވިދާލާފައެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓިއުނީޝިއާއިން ވަނީ ސްކޯލައިންގެ ފަރަގު ކުޑަކޮށްފައެވެ. މިގޮތުން، އެޓީމުގެ ހަނިބަލް ނަގާ ދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޓިއުނީޝާއަށް ލަނޑު ޖަހާ ދިނީ އޮމާރް ރެކިކްއެވެ.
ދެވަނަ ހާފް ފަށާ މާގިނަ އިރުތަކެއް ނުވެ ސުވިޑަންއިން ވަނީ އިތުރު ލަނޑެއް ޖަހާ ސްކޯލައިންގެ ފަރަގު އަނެއްކާވެސް ފުޅާކޮށްފައެވެ. މިގޮތުން، އައިސެކް އޭނާގެ ފޯވަޑް ޕާޓްނަރު އާސަނަލްގެ ވިކްޓަރ ޔޮގަރޭޝްއަށް ފަހިކޮށް ދިން ފުރުސަތުގައި މިލަނޑު ޖެހީ މެޗުގެ 59 ވަނަ މިނެޓްގައެވެ.
އެއަށް ފަހު 84 ވަނަ މިނެޓްގައި އައިސެކް އިތުރު އެސިސްޓެއް ހެދި އިރު މިފަހަރު ލަނޑު ޖެހީ މަތާއިސް ސްވެންބާގްއެވެ. ސުވިޑަންގެ ފަސް ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހާ ދިނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ދިން ޔާސިން އަޔާރީއެވެ.
މިމެޗުން މޮޅުވެ ސުވިޑަން މިވަނީ ގްރޫޕް އެފްގެ ތާވަލުގެ އެންމެ ކުރިއަށް ޖެހިލާފައެވެ. މިގްރޫޕްގައި ދެން އޮތް ޖަޕާނާ ނެދެލޭންޑްސް ކުޅުނު މެޗުވީ 2-2 އިން އެއްވަރެވެ.
