އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިހާރު ކުރިއަށް ފީފާ ވޯލްޑްކަޕް 2026 ގެ ގްރޫޕް އީގައި އައިވަރީ ކޯސްޓް އަދި އެކުއަޑޯ ވާދަކުރި މެޗު 1-0 އިން އައިވަރީ ކޯސްޓް ކާމިޔާބުކޮށްފިއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު އެކުއަޑޯއިން ފޮނުވާލި ތިން ހަމަލާއެއް އައިވަރީ ކޯސްޓްގެ ދަނޑީގައި ޖެހި ގޯލަށް ނުވަދެ ދިޔަ އިރު އައިވަރީ ކޯސްޓްގެ ހަމަލާއެއް ވެސް އެކުއަޑޯގެ ގޯލުގެ ދަނޑީގައި ޖެހިފައި ނިކުތެވެ.

މިއީ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ފަހަރު ބޯޅަ ދަނޑީގައި ޖެހިފައި ބޭރަށް ނިކުތް މެޗު/ފޮޓޯ: އެކްސް

މިމެޗުގެ ކުޅުން 90 މިނެޓާ ހަމައަށް ދިޔަ އިރު ވެސް ސްކޯ 0-0 އެއްގައި އޮތުމުން މެޗު އެއްވަރުވެގެން ނިމޭނެ ކަމަށް ބެލެވުނު ނަމަވެސް މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަމާޑް ޑިއާލޯ ވަނީ މެޗުގެ 90 ވަނަ މިނެޓްގައި އައިވަރީ ކޯސްޓަށް ހިތް ގައިމު ލަނޑެއް ޖަހާ ދީ މެޗުން ތިން ޕޮއިންޓް ހޯދަދީފައެވެ.

ޑިއާލޯގެ މި ގޯލާއެކު ވޭތުވެދިޔަ ދެ އަހަރު އެއްވެސް މެޗަކުން ބަލިނުވެ އޮވެ އެކުއަޑޯއިން ހަދާފައިވާ ރެކޯޑް ވަނީ މުގުރާލާފައެވެ. އަދި ވޯލްޑްކަޕްގެ ކުއަލިފައިންގްގައި ފެނިގެން ދިޔަ އެންމެ ވަރުގަދަ ޑިފެންސް ވެސް މިވަނީ ފޫއަޅުވާލާފައެވެ.

މިމެޗުން މޮޅުވެ އައިވަރީ ކޯސްޓް މިވަނީ ގްރޫޕް އީގެ ތާވަލުގެ ދެވަނައަށް އަރާފައެވެ. މި ގްރޫޕްގައި ދެން އޮތް ޖާމަނީ އަދި އަލަށް ވޯލްޑްކަޕްގައި ކުޅޭ ކިއުރެސޯ ރޭ ވާދަ ކުރި މެޗު ނިމުނީ 7-1 އިން ޖާމަނީ މޮޅުވެގެންނެވެ.