މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް 2026 ގެ ގްރޫޕް އެފްގެ ފުރަތަމަ މެޗު އެއްވަރުވައްޖެއެވެ. ޖަޕާނާ ނެދެލޭންޑްސްއާ ދެމެދު ކުޅުނު މިމެޗު އެއްވަރުވީ 2-2އިންނެވެ.
މިމެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ވެސް މޮޅު ކުޅުމެއް ދައްކާފައެއް ނުވެއެވެ. ހާއްސަކޮށް ޖަޕާނުން ބޮޑަށް ކުޅެފައިވަނީ ޑިފެންސިވް ފޯމޭޝަނެއްގައެވެ. 0-0 އިން ދެ ޓީމު އެއްވަރުވެފައިވަނިކޮށް ފުރަތަމަ ހާފް ނިމުނު އިރު މެޗުގެ ދެވަނަ ހާފްގައި ކޮންމެ ޓީމަކުން ވެސް ވަނީ ދެ ލަނޑު ޖަހާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ ނެދެލޭންޑްސުންނެވެ. ލިވަޕޫލްގެ ރަޔަން ގްރެވެންބާގް ނަގާދިން ރީތި ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ލިވަޕޫލް އަދި ނެދެލޭންޑްސްގެ ވެސް ކެޕްޓަން ވާޖިލް ވެން ޑައިކެވެ.
ނެދެލޭންޑްސްއިން ލަނޑު ޖެހުމާއެކު ޖަޕާނުން ކުޅެ ގަތެވެ. އަދި ނެދެލޭންޑްސްގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާތައް އުފައްދަމުން ގޮސް ނެދެލޭންޑްސްއިން ލަނޑު ޖެހިތާ 7 މިނެޓް ފަހުން ޖަޕާނުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ނެދެލޭންޑްސްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ވަތް މިލަނޑު ކާމިޔާބުކޮށް ދިނީ ކެއިޓޯ ނަކަމޫރާއެވެ.
އެއަށް ފަހު މެޗުގައި ނެދެލޭންޑްސްއިން އަނެއްކާވެސް ލީޑު ނެގިއެވެ. މިފަހަރު އެޓީމަށް ލަނޑު ޖަހާ ދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކަން އައި ވިންގަރު ކްރައިސެންސިއޯ ސަމާވިލްއެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހާ ދިން ފުރަތަމަ ލަނޑެވެ. މިލަނޑަށް ފަހު ސްކޯ 2-1 ގައި އޮއްވާ ނެދެލޭންޑްސްގެ ކޯޗު ރޮނާލްޑް ކޯމަން ވަނީ ސުވާލު އުފެދޭ ފަދަ ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން، ރަނގަޅަށް ކުޅެމުން ދިޔަ ސަމާވިލް ބާލާ ބަދަލުގައި ދުވަސްވީ ސްޓްރައިކަރު މެމްފިސް ޑިޕޭ އެރުވުން ފަދަ ބަދަލުތައް ހިމެނެއެވެ.
ނެދެލޭންޑްސްއިން ބަދަލުތައް ގެނައި ނަމަވެސް ކުޅުން ވަރުގަދަ ކުރީ ޖަޕާނުންނެވެ. އަދި ހުއްޓުމެއް ނެތި އެޓީމުން ހަމަލާތައް އުފައްދަމުން ދިއުމުގެ ނަތީޖާއަކަށްވީ މެޗުގެ 88 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން ޖަޕާނު ލަނޑެއް ޖަހާ މެޗުގެ ސްކޯ 2-2 އަކަށް ހެދުމެވެ. މިލަނޑު އެޓީމަށް ކަމިޔާބުކޮށް ދިނީ އިންގްލޭންޑްގެ ކްރިސްޓަލް ޕެލަސްއަށް ކުޅޭ ކަމަޑާއެވެ.
މެޗުން މޮޅުވާނެ މާގިނަ ފުރުސަތުތަކެއް ދެ ޓީމުން ވެސް ނުއުފައްދާ އިރު މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މިމެޗު އެއްވަރުވުމުން މި ދެޓީމު ވެސް އަދި އޮތީ 1 ޕޮއިންޓާއެކު ގްރޫޕް ތާވަލުގެ 1 ވަނައިގައެވެ. މިގްރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ސުވިޑަން އަދި ޓޫނިޝީއާ ވާދަކުރާ މެޗު އޮންނާނީ މާދަމާ ރާއްޖޭ ގަޑިން ހެނދުނު 7 ޖަހާ އިރެވެ.
މިރޭ ފަތިހު ގްރޫޕް އީގެ ދެވަނަ މެޗުގައި އައިވަރީ ކޯސްޓް އަދި އެކުއަޑޯ ވާދަކުރާނެއެވެ. މިމެޗު ކުޅޭނީ ރާއްޖޭ ގަޑިން ފަތިހު 4 ޖަހާ އިރުއެވެ.
