ފަލަސްތީނުގެ މުގައްދަސް ބިމަކީ މިއަދު އިންސާނީ ކަރާމާތް ފުނޑުފުނޑުކޮށްލުމަށް ހިންގާ އެންމެ ބޮޑު ޖަރީމާގެ މައިދާނެވެ. އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންގެ ފުރާނައާއި މުދަލަށް އަރައިގަނެ، ހިންގަމުންދާ އަނިޔާވެރިކަން މިއަދު ވަނީ ތާރީހުގެ ސަފުހާތަކުން ނުފެންނަ ވަރުގެ ބިރުވެރި މިންވަރަކަށް އިތުރުވެފައެވެ. ހާއްސަކޮށް، ހުޅަނގު އައްސޭރީގައި އޮހޮރެމުންދާ ލޭގެ ކޯރުތަކަކީ ދުނިޔޭގެ ސަމާލުކަން އެދެވޭ ގޮތެއްގައި ނުލިބި، ނަމަވެސް އިންސާނިއްޔަތުކަން އެކަމުގެ މައްޗަށް ކަރުނައަޅާ ފަދަ ހިތްދަތި ހަގީގަތެކެވެ.

އޮކްސްފާމް ފަދަ ބައިނަލްއަގްވާމީ އިދާރާތަކުން ހާމަކުރާ ތަފާސްހިސާބުތަކުން ހާމަވަނީ، ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ ދަރިން ނައްތާލުމަށް ހިންގާ ނިޒާމީ ގަތުލުއާންމެއްގެ ބިރުވެރި މަންޒަރެވެ. އޮކްސްފާމްއިން ދާދިފަހުން ނެރުނު ތަފާސްހިސާބުތަކުން ހާމަވާގޮތުގައި، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އިޒްރޭލުން ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ އަދަދު، އޭގެ ކުރީގެ 17 އަހަރު ދުވަހު ޝަހީދުކޮށްލި މީހުންގެ ޖުމްލަ އަދަދަށްވުރެ ވަނީ އިތުރުވެފައެވެ.

އދ. ގެ ތަފާސްހިސާބުތަކާ ހަވާލާދީ އޮކްސްފާމްއިން ހާމަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް 1,244 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 268 ކުޑަކުދިން ހިމެނެއެވެ. މިއާ ހިލާފަށް، 2006 އިން 2022 އާ ދެމެދު ޝަހީދުކޮށްލާފައި ވަނީ 1,036 މީހުންނެވެ. ފާއިތުވި 20 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޝަހީދުކޮށްލި ކޮންމެ ފަސް މީހަކުން އެކަކީ ކުޑަކުއްޖެކެވެ.

ފަލަސްތީންގައި ޝަހީދުވީ ކުޑަކުދިންތަކެއްގެ ހަށިގަނޑު އުރާލައިގެން

މި މުއްދަތުގެ ތެރޭގައި ހުޅަނގު އައްސޭރީގައި ހިންގަމުންދާ އުދުވާންތަކުގެ ސަބަބުން 46,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ އެމީހުންގެ ވަޒަނުން ބޭރުކޮށްލާފައެވެ. މިއީ އޭގެ ކުރީގެ 14 އަހަރު ދުވަހާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. އިޒްރޭލުގެ އަސްކަރީ އޮޕަރޭޝަންތަކާއި، ވަޒަންވެރިންގެ ހަމަލާތަކާއި، ގެދޮރު ސުންނާފަތިކުރުމުގެ ސަބަބުން އެ ސަރަހައްދު ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހަމައެކަނި މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ވެސް 540 އަށްވުރެ ގިނަ ހަމަލާ ދީފައިވާއިރު، 2,200 އަށްވުރެ ގިނަ މީހުން ވަނީ މަގުމަތިވެފައެވެ.

އޮކްސްފާމްގެ ބުޝްރާ ހަލީދީ ވިދާޅުވި ގޮތުގައި، އިޒްރޭލުން ގާޒާގައި ނަސްލު ނައްތާލުމުގެ ލާއިންސާނީ އަމަލުތައް ހިންގަމުންދާއިރު، ހުޅަނގު އައްސޭރީގައި ވެސް ވަނީ މީގެ ކުރިން ނުފެންނަ ވަރުގެ ބޮޑު ލޭއޮހޮރުވުމެއް ފަށާފައެވެ. މިއީ ރޭވުންތެރިކަމާއެކު ހިންގާ "ބިން ފޭރުމުގެ" ކެމްޕޭނެއްގެ ގޮތުގައި އޮކްސްފާމްއިން ސިފަކުރެއެވެ.

ފަލަސްތީންގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގައި މީހުން މާޔޫސްވެފައި

ގާޒާގެ ހާލަތުވެސް އޮތީ އިންތިހާ ދަރަޖައިގެ ނުރައްކާތެރި ފައްތަރެއްގައެވެ. ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ބޭސްފަރުވާއާއި ކަރަންޓުން މަހްރޫމްކޮށް، މުޅި ގާޒާ ވަނީ ބަންދުކޮށްފައެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅައި، އެހީދޭ މީހުންނަށް ހަމަލާދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ދެމުންދާ ޖަމާއީ އަދަބެއްްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

މި ނުރައްކާތެރި ހާލަތާ ގުޅިގެން، އޮކްސްފާމްއިން ވަނީ ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމަށާއި، ހުރިހާ އަސީރުން މިނިވަންކުރުމަށް ގޮވާލާފައެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުން އިޒްރޭލަށް ހަތިޔާރު ވިއްކުމާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އިޒްރޭލުގެ މި ލާއިންސާނީ އަމަލުތައް ހުއްޓުވުމަކީ މުޅި ދުނިޔޭގެ އިދާރާތަކުގެ މައްޗަށް އޮތް ބޮޑު މަސްއޫލިއްޔަތެއް ކަމަށް އޮކްސްފާމުން ބުނެއެވެ.

ފަލަސްތީންގައި ޝަހީދުވެފައިވާ މީހެއްގެ ހަށިގަނޑު ހިފައިގެން

އޮކްސްފާމްގެ މި ތަފާސްހިސާބުތަކަކީ ހަމައެކަނި ހިސާބު އަކުރުތަކެއް ނޫނެވެ. އެއީ ކޮންމެ ނަންބަރެއްގެ ފަހަތުގައި ކަނޑާލެވިފައިވާ އެތައް ފުރާނައަކާއި، ބިކަވެފައިވާ އެތައް އާއިލާއެއްގެ ހިތްދަތި ކަރުނައިގެ ވާހަކައެވެ. ބައިނަލްއަގްވާމީ މުޖުތަމައުން މި އަނިޔާވެރިކަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައި، ހަމައެކަނި ބަޔާންތަކަކުން ފުއްދާލައިގެން ތިބުމަކީ މި ޖަރީމާތަކަށް ލިބޭ ހިތްވަރެކެވެ. ފަލަސްތީނުގެ ބިމުން އޮހޮރެމުންދާ ކޮންމެ ލޭތިއްކަކީ އިންސާފަށް ގޮވާލާ ގޮވުމެކެވެ. އިސްތިއުމާރީ އަޅުވެތިކަމުން އެ ބިން މިނިވަންވެ، ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ވަޒަނުގައި އަމާންކަމާއި ކަރާމާތާއެކު އުޅެވޭނެ ދުވަހެއް ފެނުމަކީ މިއަދު މުޅި އިސްލާމީ އުންމަތުގެ އެންމެ ބޮޑު އުންމީދެވެ.