ބްރެޒިލްގެ ލިމޭއިރާގައި، ބަންޖީ ޖަމްޕް ކުރުމުގެ ތެރެއިން ސަލާމަތީ ވާ (ސޭފްޓީ ރޯޕް) ހަރުނުކޮށް ދޫކޮށްލުމުގެ ސަބަބުން ގާތްގަނޑަކަށް 40 މީޓަރުގެ އުސްމިނުން ވެއްޓި އަންހެނަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ސައޮ ޕައުލޯ ސްޓޭޓްގެ އެކްސްޓްރީމް ސްޕޯޓްސްއަށް މަޝްހޫރު ސަރަހައްދެއް ކަމަށްވާ "ޕޮންޓޭ ޑޯ އެސްކުއެލެޓޯ" (ސްކެލެޓަން ބްރިޖް) ގައެވެ. މި ހާދިސާގައި މަރުވެފައިވަނީ ފިޒިކަލް އެޑިއުކޭޝަން އަދި ސްޕޯޓްސް މެނޭޖްމަންޓުން ދާދިފަހުން ގްރެޖުއޭޓްވި މާރިއާ އެޑުއާޑާ ރޮޑްރިގޭޒް ޑި ފްރެއިޓަސް ނަމަކަށް ކިޔާ އަންހެނެކެވެ.

މަންޒަރު ދުށް މީހުންނާއި މިލިޓަރީ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އޭނާ ފުންމާލުމުގެ ކުރިން ސަލާމަތީ ސާމާނު ރަނގަޅަށް ހަރުކޮށްފައެއް ނުވެއެވެ. އޭނާ ޕްލެޓްފޯމުން ދޫކޮށްލުމާއެކު 40 މީޓަރު ތިރިއަށް ވެއްޓި، ލިބުނު ބޮޑެތި އަނިޔާތަކުގެ ސަބަބުން ވަގުތުންވަނީ މަރުވެފައެވެ.

މި ހާދިސާގައި މަރުވި އަންހެން މީހާއަކީ ކޮންމެ ދުވަހަކުވެސް އޭނާގެ ދިރިއުޅުމުގެ ކަންތައްތައް ސޯޝަލް މީޑީއާގައި ހިއްސާކުރުމުގައި އިތުރުން އާންމު ސިއްހަތާއި، ކަސްރަތާއި ގުޅޭ ގިނަ މައުލޫމާތުތަކެއްވެސް ސޯޝަލް މީޑިއާގައި ހިއްސާކުރާ މީހެކެވެ. އެ ގޮތުން އޭނާވަނީ ބަންޖީ ޖަމްޕްގެ ކުޑަވަގުތުކޮޅެއް ކުރިން އިންސްޓަގްރާމް ސްޓޯރީއެއްގައި ސަމާސާ ރާގަކަށް "އަހަރެން ފާލަމަކުން ފުންމާލަން ހުއްދަދިން މޮޔައަކީ ކާކު؟" ލިޔެފައެވެ.

މި ހާދިސާ ހިނގިގޮތުގެ ވީޑިއޯ އެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ހަރަކާތް ހިންގަން ތިބި ޓީމުގެ މެންބަރުން އޭނާ ގޮވައިގެން ޕްލެޓްފޯމަށް ދާ މަންޒަރު ފެނިގެން ދެއެވެ. އަދި އޭނާ ދޫކޮށްލި ވަގުތުން ސަލާމަތީ ވާ ގުޅާފައި ނެތްކަން ރޭކާލުމުން އެ ސަރަހައްދުގައި ތިބި މީހުން ހަޅޭއްލަވަން ފަށާ އަޑުވެސް އިވިގެން އިވިގެންދެއެވެ.

މި ހާދިސާއާ ގުޅިގެން އެކަމުގެ ޒިންމާ އުފުލަންޖެހޭ ޓީމުގެ އިސްކޮށް ތިބި ދެމީހުން ފިލަން އުޅެނިކޮށް ހެލިކޮޕްޓަރުގެ އެހީގައި ވަނީ ހޯދާފައެވެ. ޖުމްލަ 6 މީހަކު މިހާރު ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައެވެ. ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.