ސަރުކާރުގެ އިސް މަގާމުތަކަށް ތަޖުރިބާކާރު ބޭފުޅުން އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޒީނާޒު އަދުނާނު އައްޔަން ކުރައްވައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ޒީނާޒު މި މަގާމަށް އައްޔަންކުރައްވާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އޭނާ ވަނީ ރަސްމީކޮށް އޮފީހަށް ނުކުންނަވަން ފަށްޓަވާފައެވެ. ހެލްތު މިނިސްޓްރީގައި ޒީނާޒު މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވެވަޑައިގަންނަވާނީ އިޖުތިމާއީ ދާއިރާ އާއި ޖެންޑާގެ ކަންކަން ކުރިއެރުވުމަށް ހާއްސަ ސެކްޝަނުގައެވެ.
ޒީނާޒަކީ އިޖުތިމާއީ ހިދުމަތުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ގާބިލު ބޭފުޅެކެވެ. އެގޮތުން ކުޑަކުދިންގެ ހިޔާ ފަދަ މުއައްސަސާތައް ހިންގެވުމުގައި އޭނާ ވަނީ ފަންނީ އަދި އިދާރީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
މިސަރުކާރުގެ ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ކަމުގައިވާ ޒީނާޒް ވަނީ މި ސަރުކާރު އުފެދިގެން އައި ދުވަސްވަރު ޕީއެންސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުންނަވައި އެ ޕާޓީގެ އިދާރީ ހިންގުމުގައި މުހިންމު ދައުރެއްވެސް އަދާކުރައްވާފައެވެ.
ޒީނާޒުގެ ފިރިކަލުން އާދަމް ޝަރީފް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުން ރާއްޖޭން ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އައްޔަންކުރެއްވުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ފޮނުވާފައެވެ.
