މިހާރު ކުރިއަށްދާ ވޯލްޑްކަޕް މުބާރާތުގެ ގްރޫޕް ބީގައި ސުވިޓްޒަލޭންޑާ ގަތަރު ވާދަކުރި މެޗު 1-1 އިން އެއްވަރުވެގެން ގަތަރަށް ފުރަތަމަ ފަހަރަށް ވޯލްޑްކަޕް މެޗަކުން ޕޮއިންޓެއް ލިބިއްޖެއެވެ.
2022 ވަނަ އަހަރުގެ މުބާރާތް ހޯސްޓްކުރި ގަތަރު އެފަހަރުގެ ވޯލްޑްކަޕް ނިންމާލީ މުބާރާތުގައި ބައިވެރިވި އެންމެ ދަށް ޓީމުގެ ގޮތުގައެވެ. މިގޮތުން، ކުޅުނު ހުރިހާ މެޗަކުން ބަލިވި އިރު އެޓީމަށް ތިން މެޗުގައި ޖެހުނީ އެންމެ ގޯލެކެވެ. ބަދަލުގައި ބައިކޮޅަށް 7 ގޯލު ވަތް އިރު އެގައުމަކީ މިހާތަނަށް ވޯލްޑްކަޕްގެ ފުރަތަމަ މެޗުން ބަލިވި ހަމައެކަނި ހޯސްޓް ގައުމެވެ.
ރޭ ދަންވަރު ސުވިޓްޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ގަތަރުން އަނެއްކާވެސް މިފަދަ ބޭނުންނުވާ ރިކޯޑް ހަދާނެކަމަށް ބެލެވުނެވެ. މުޅި މެޗުހެން ސުވިޓްޒަލޭންޑުން ކޮންޓްރޯލްކޮށްގެން ކުޅެމުން ދިޔަ އިރު އެޓީމުން ލީޑު ނެގީ މެޗުގެ 17 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިމުބާރާތުގައި ދިން ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށްގެން ސުވިޓްޒަލޭންޑަށް ލީޑު ނަގައިދިނީ ބްރީ އެމްބޯލޯއެވެ.
މެޗުގެ ފުރަތަމަ ހާފް ސުވިޓްޒަލޭންޑް ކުރީގައި އޮވެގެން ނިމުނު އިރު ދެވަނަ ހާފްގައި ވެސް މެޗުގެ ކުޅުމުގެ އޮއިވަރަށް ބަދަލެއް ނާދެއެވެ. މިގޮތުން، ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ސުވިޓްޒަލޭންޑް ގިނަ ހަމަލާތައް އުފެއްދި އިރު މި ހަމަލާތައް ގޯލުތަކަށް ބަދަލު ނުކުރެވުމުގެ ހިތި ނަތީޖާ ސުވިޓްޒަލޭންޑަށް ފެނުނެއެވެ.
އެއީ މެޗުގެ ދެވަނަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 4 ވަނަ މިނެޓްގެ ތެރޭގައި ގަތަރުގެ ހުމާމް އަލް އަމީން ފޮނުވާލި ހުރަހެއް ބޮލުން ޖަހާ ސުވިޓްޒަލޭންޑްގެ ގޯލަށް ފޮނުވާލައިގެން ގަތަރުގެ ބުލާމް ހޫހީ ވަނީ ގަތަރުގެ ފުޓްބޯޅައިގެ ތާރީހުގައި އޭނާގެ ނަން ލިޔެފައެވެ.
މިގްރޫޕްގައި ކެނެޑާއާ ބޮސްނިއާ ކުޅުނު މެޗު ވެސް އެއްވަރުވި އިރު ގްރޫޕް ބީގެ ހުރިހާ ޓީމެއް އޮތީ 1 ޕޮއިންޓް ހޯދައިގެން ހަމަހަމައަށެވެ.
