ވޯލްޑްކަޕް 2026 ގެ ގްރޫޕް ސީގައި މުބާރާތުގެ އެއް ފޭވަރިޓުން ކަމަށްވާ ބްރެޒިލް އަދި މޮރޮކޯ ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ. އަވަސް އަދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ މޮރޮކޯއިންނެވެ.

މިގޮތުން، މޮރޮކޯއިން ވަނީ ފުރަތަމަ ހާފްގައި އެކަނި ވެސް ބްރެޒިލްގެ ގޯލަށް 12 ޝޮޓު ފޮނުވާލާފައެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް މޮރޮކޯއިންނެވެ. މިގޮތުން، އެޓީމުގެ ފޯވަޑް އިސްމާއިލް ސައިބާރީ ބްރެޒިލްގެ ކީޕަރު އެލިސޯން ޕެނަލްޓީ އޭރިއާގެ ބޭރުން ޗިޕްކޮށްލާ ޖެހި މިލަނޑަކީ ހިތްގައިމު ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ބްރެޒިލްއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަަހަމަ ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ރިއާލް މެޑްރިޑްއަށް ކުޅޭ ހުނަރުވެރި ފޯވަޑް ވިނީސިއަސް ޖޫނިޔޯއެވެ.

މެޗުގެ ފުރަތަމަ ހާފް ދެ ޓީމު އެއްވަރު ވެގެން ނިމުނު އިރު ފުރަތަމަ 45 މިނެޓްގައި ފެނިގެން ދިޔަ ފޯރި ދެވަނަ ހާފްގައި ފެނިގެން ނުދެއެވެ. ހާއްސަކޮށް ބްރެޒިލްގެ ފަރާތުން މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބުނާ ފަދަ ޓީމެއްގެ ކުޅުމެއް ފެނިގެން ނުދެއެވެ.

އެހެން ކަމުން ގްރޫޕް މެޗުތަކުގެ ފުރަތަމަ ރައުންޑްގައި އެންމެ ވާދަވެރިވާނެ ކަމަށް ބެލެވުނު މިމެޗު ނިމިގެން ދިޔައީ 1-1 އިން އެއްވަރު ވެގެންނެވެ.

މި މެޗު އެއްވަރުވުމުން ލިބުނު 1 ޕޮއިންޓާއެކު މި ދެޓީމު ވެސް އަދި އޮތީ ގްރޫޕް ސީގެ އެއްވަނައިގައެވެ. މި ގްރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ހައިޓީ އަދި ސްކޮޓްލޭންޑް މިއަދު ރާއްޖޭ ގަޑިން ހެނދުނު 6 ޖަހާ އިރު ކުޅޭނެއެވެ.