މިދިޔަ ހުކުރު ދުވަހު ބޭއްވުނު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ރައީސް މުޙައްމަދު ނަޝީދަށް ލިބުނު ކާމިޔާބީއާއެކު ރާއްޖެއަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް މިއަދު ފެށިފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ނަތީޖާއަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވަނީ ރައީސް ނަޝީދަށާއި އެމްޑީޕީގެ ހުރިހާ މެންބަރުންނަށް މަރުހަބާ ދަންނަވާފައެވެ. އޭނާ ވިދާޅުވީ މާތް اللهގެ ވާގިފުޅާއެކު ޕާޓީން ބޭނުންވި ކާމިޔާބީއަށް ވާސިލުވެވިއްޖެ ކަމަށާއި، މި ލިބުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުޅި ރާއްޖޭގައި ރީނދޫ ލަޝްކަރު ރުކުރުވާލެވިފައި އޮތް މަންޒަރު ފެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ކެމްޕޭނުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކެމްޕޭން ޓީމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިންތިހާބުގައި ވޯޓު ދެއްވި ހުރިހާ އާންމު މެންބަރުންނަށް ހާއްސަ ޝުކުރެއް ދަންނަވަމުން ފައްޔާޒު ވިދާޅުވީ، މިއަދު މެންބަރުން ސާބިތުކޮށްދެއްވީ މި ޕާޓީގެ މިސްރާބު ކަނޑައަޅައިދޭ ވިންދަކީ މެންބަރުން ކަމަށެވެ. އަދި މިއީ ހިތަށް ލިބުނު ތަދުގެ ބަދަލު ހޯދުމަށްވުރެ ރާއްޖޭގެ މަސްލަހަތު އިސްކޮށްގެން މެންބަރުން ދެއްވި މުހިންމު ވޯޓެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ކެމްޕޭން ޓީމުން ދެއްކި ހިތްވަރަށް ފައްޔާޒު ވަނީ ސާބަސް ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ދެން އޮތް އެންމެ މުހިންމު މަސައްކަތަކީ އެންމެން އެކުގައި ނުކުމެ މި ސަރުކާރު ބަލިކުރުމެވެ. އަދި ބަދަހި ސަފުތަކަކާއެކު އެމްޑީޕީން އެ މަސައްކަތް ކާމިޔާބު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ މެންބަރުން ތިބީ ބޮޑު ބަދަލަކަށް ތައްޔާރަށްކަން ސާބިތުވެއްޖެ ކަމަށެވެ. އަދި ރައީސް ނަޝީދަށް މެންބަރުން ދެއްވި ވޯޓާއެކު ރާއްޖެއަށް ބޮޑު ބަދަލު ގެނައުމުގެ މަސައްކަތް މިއަދު ފެށިގެން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.