މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް 2026 ގައި މިއަދު ހެނދުނު މުބާރާތުގެ އެއް ހޯސްޓް ކަމަށްވާ އެމެރިކާއާ ޕެރަގުއޭ ވާދަކުރި މެޗު 4-1 އިން އެމެރިކާ ކާމިޔާބުކޮށްފިއެވެ.

އެމެރިކާގެ ލޮސް އެންޖެލެސްގައި ކުރިއަށް ދިޔަ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި އެމެރިކާގެ ފަރާތުން މޮޅު ކުޅުމެއް ދެއްކި އިރު އެޓީމުގެ ފުރަތަމަ ލަނޑަކީ ޕެރަގުއޭގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މެޗުގެ 7 ވަނަ މިނެޓްގައި ޕެރަގުއޭގެ ޑޭމިއަން ބޯބަޑިއްލާގެ އަތުން ވަތް މި ލަނޑަކީ މުބާރާތުގެ ފުރަތަމަ އޯން ގޯލެވެ.

އެމެރިކާއިން މެޗުގެ ކުޅުން މުޅިންހެން ކޮންޓްރޯލްކޮށްގެން ކުޅެމުން ދިޔަ އިރު މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެމެރިކާއިން ވަނީ އިތުރު ދެލަނޑު ޖަހާ ސްކޯ 3-0 އަށް ހަދާފައެވެ. މިދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށް ދިނީ ފްރާންސްގެ އޭ އެސް މޮނޮކޯއަށް ކުޅޭ އެގައުމުގެ ފޯވަޑް ފްލޯރިއަން ބަލޮގަންއެވެ.

ބަލޮގަން އަކީ ވޯލްޑްކަޕް މެޗެއްގައި އެއް ލަނޑަށް ވުރެ ގިނަ ލަނޑު އެމެރިކާއަށް ޖަހާ ދިން ދެވަނަ ކުޅުންތެރިޔާ/ފޮޓޯ: އެކްސް

މެޗުގެ ދެވަނަ ހާފްގައި ވެސް އެމެރިކާއިން ގިނަ އިރު ބޯޅަ ހިފަހައްޓައިގެން އިތުރު ލަނޑުތައް ޖަހަން މަސައްކަތް ކުރި އިރު އެހާފްގެ ފުރަތަމަ ލަނޑު ޖެހީ ޕެރަގުއޭއިންނެވެ. މެޗުގެ 73 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މޮރީސިއޯއެވެ.

ޕެރަގުއޭގެ ލަނޑު ޖަހާ ދިން މޮރީސިއޯ އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

މިމެޗުގައި ފެނުނު އެންމެ ރީތި ލަނޑު ޖެހީ މެޗު ނިމެން ދަނިކޮށް އެމެރިކާއިންނެވެ. އިތުރު ވަގުތުގެ 8 ވަނަ މިނެޓްގައި އެމެރިކާގެ ޖިއޮވާނީ ރެއިނާ ޖެހި މިލަނޑަކީ ދުރުން ފޮނުވާލި ހިތް ގައިމު ލަނޑެކެވެ.

މި މޮޅާއެކު އެމެރިކާ މިވަނީ ގްރޫޕް ޑީގެ ތާވަލުގެ އެންމެ ކުރީގައި ހަމަޖެހިލާފައެވެ. މި ގްރޫޕްގައި ދެން އޮތް ދެ ޓީމު ކަމަށްވާ އޮސްޓްރޭލިއާ އަދި ތުރުކީގެ ފުރަތަމަ މެޗު އޮންނާނީ މާދަމާ ހެނދުނު ރާއްޖޭ ގަޑިން 9 ޖަހާ އިރުއެވެ.