ތިން ގައުމެއްގައި ފެށިގެން ކުރިއަށްދާ ވޯލްޑްކަޕް 2026 މުބާރާތުގެ ގްރޫޕް ބީގެ ފުރަތަމަ މެޗު އެއްވަރުވެއްޖެއެވެ. މުބާރާތުގެ އެއް ކޯހޯސްޓް ކަމަށްވާ ކެނެޑާ އަދި ބޮސްނިއާ އެންޑް ހަރްޒޮގޮވީނާގެ ދެމެދު ކުޅުނު މި މެޗު އެއްވަރުވީ 1-1 އިންނެވެ. މިއީ ކެނެޑާގެ ތާރީހުގައި ވެސް އެޓީމަށް ވޯލްޑްކަޕްގެ މެޗަކުން ޕޮއިންޓެއް ލިބުނު ފުރަތަމަ ފަހަރެވެ.

ކެނެޑާގެ ޓޮރޯންޓޯގައި ކުޅުނު މިމެޗުގައި ގިނަ ހަމަލާތައް އުފައްދާ މޮޅު ކުޅުމެއް ދެއްކީ ކެނެޑާއިން ނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖެހީ ބޮސްނިއާއިންނެވެ. އެ ޓީމަށް މިލަނޑު ޖަހާ ދިނީ މެޗުގެ 21 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން ލޫކިޗްއެވެ.

ބޮސްނިއާގެ ލަނޑު ޖަހާ ދިން ޖޯވޯ ލުކިޗް އެޓީމުގެ ބެންޗާއެކު އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

އެއަށް ފަހު ކެނެޑާއިން ކުޅުން ވަރުގަދަކޮށް ބޮސްނިއާގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކުރި ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުނީ ބޮސްނިއާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ވެސް ނުރައްކާތެރި ގިނަ ހަމަލާތައް އުފެއްދީ ކެނެޑާއިންނެވެ. އެހެން ނަމަވެސް މެޗުގެ 78 ވަނަ މިނެޓާ ހަމައަށް ބޮސްނިއާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން އެޓީމުން ނުކުޅެދުނު އިރު ކެނެޑާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ދިނީ ފަހު ހާފްގައި ކުޅެން ނިކުތް ކައިލް ލަރިންއެވެ.

ކެނެޑާ އެއްވަރުކޮށް ދިން ލަނޑު ލަރިން ޖެހީ ކުޅެން ނިކުތްތާ 2 މިނެޓްގެ ތެރޭގައި/ފޮޓޯ: އެކްސް

މިމެޗުގައި ބާކީ އޮތް ވަގުތުގައި މެޗުން މޮޅުވާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނެއެވެ. ހާއްސަކޮށް ފަހަތުން އަރާ ބޮސްނިއާ ބަލިކުރާނެ ރަނުގެ ފުރުސަތެއް ލަރިންއަށް އަނެއްކާވެސް ލިބުނު ނަމަވެސް އޭނާ ގޯލާ އަމާޒުކޮށް ފޮނުވާލި ޝޮޓް ބޮސްނިއާގެ ޑިފެންސުން ހުޝިޔާރު ކަމާއެކު ހުއްޓުވިއެވެ.

1-1 އިން އެއްވަރުވެގެން މިމެޗު ނިމުނު އިރު މިއީ މި ވޯލްޑްކަޕްގައި މެޗެއް އެއްވަރުވި ފުރަތަމަ ފަހަރެވެ. މުބާރާތުގައި ދެން ފެނިގެންދާނީ ވޯލްޑްކަޕް 2026ގެ ތިން ވަނަ ކޯ-ހޯސްޓް އެމެރިކާގެ މެޗެކެވެ. މި ގޮތުން، މިއަދު ހެނދުނު ރާއްޖޭ ގަޑިން 6 ޖަހާ އިރު އެމެރިކާ ނިކުންނާނީ ޕެރަގުއޭއާ ދެކޮޅަށެވެ.