ރަސްމީ ޑިއުޓީގައި އުޅުއްވަނިކޮށް ކަނޑަށް ގެއްލުނު ފުލުސް އޮފިސަރު ހޯދުމަށް ހިންގި ހާއްސަ އޮޕަރޭޝަނުގައި އަމިއްލައަށް އިސްނަގައިގެން އެހީތެރިކަން ފޯރުކޮށްދިން ދެ ޑައިވަރުންނަށް ހޯމް މިނިސްޓަރު ލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު ޝުކުރު އަދާކުރައްވައިފިއެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަނުގައި ބައިވެރިވެ ފުލުހުންނަށް އެހީތެރިވެދީފައިވަނީ ކ. ގާފަރު، ބްލޫ ހެވަން، އަހްމަދު ފައިސަލް އާއި އއ. އުކުޅަސް، މީރާޒް، ސައްދާމު އަހްމަދެވެ. މި ދެ ޑައިވަރުންނަކީ މިއަދު ފަތިހުގެ ވަގުތެއްގައި، ފުލުހުންގެ ލޯންޗު 57 ގައި ރަސްމީ ޑިއުޓީގައި އުޅުނު ފުލުހަކު ގެއްލުމާ ގުޅިގެން، އެ އޮފިސަރު ހޯދުމަށާއި ހަށިގަނޑު ރިކަވާ ކުރުމުގެ ބުރަ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރި ދެ މީހުން ކަމަށް ފުލުހުން ބުނެއެވެ.

މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އަހްމަދު މުހައްމަދު މިއަދު ވަނީ އެ ދެ ޑައިވަރުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި، އެ ނާޒުކު ވަގުތުގައި ދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އެ ބޭފުޅުންގެ އަމިއްލަ ނަންފުޅުގައާއި ފުލުހުންގެ މުއައްސަސާގެ ނަމުގައި ޝުކުރު އަދާކުރައްވަމުން، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ ދިވެހި މުޖުތަމައުން ފެންނަ އެއްބައެއްވަންތަކަމާއި އޯގާތެރިކަމުގެ މަތިވެރި ނަމޫނާއެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުއްލި ހާލަތްތަކުގައި ސަލާމަތީ ހިދުމަތްތަކާއި އާންމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރާއި ކޮމިޝަނަރު އަލިއަޅުއްވާލެއްވިއެވެ. އަދި އެ ދެ ޑައިވަރުން ފޯރުކޮށްދިން އެހީތެރިކަމަކީ އިންސާނިއްޔަތަށްޓަކައި ކޮށްދިން ވަރަށް އަގުހުރި މަސައްކަތެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މި ހާދިސާ ހިނގި ދުވަހުން ފެށިގެން ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފުލުހުންގެ މުއައްސަސާއިން ވަނީ ހާއްސަ ގޮތެއްގައި ފާހަގަކޮށްފައެވެ.

މިހާދިސާގައި ގެއްލުނު ފުލުސް މީހާ ނިޔާވެފައިވާ އިރު ފުލުހުން ވަނީ، ސީނިއާ ސާޖަންޓް އަހްމަދު އާސިފްގެ އިހުލާސްތެރި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، އޭނާއަށް މިއަދު ވަނީ މަގާމުގެ ކުރިއެރުން ދީފައެވެ. ސާވިސް ނަންބަރު 4702، އަހްމަދު އާސިފަށް މިއަދު އަރުވާފައި ވަނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކްގެ މަގާމެވެ. މި ޝަރަފަކީ އާސިފް ދިވެހި ފުލުހުންގެ ހިދުމަތުގައި ދެއްކެވި ނަމޫނާ މަސައްކަތާއި، މަސައްކަތަށް ބެހެއްޓެވި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވުނު ކުރިއެރުމެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.