ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ވަރުގަދަކުރުމަށް ރާއްޖެއިން ބޭނުންވާކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އިރުތިޝާމް މިހެން ވިދާޅުވީ ޗައިނާގެ ކުންމިންގައި ބޭއްވި ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގެ 7 ވަނަ ބައްދަލުވުމާއި، 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ދެއްކެވި ވާހަކަ މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ “އަވަށްޓެރި ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކޮށް، އެންމެންގެ ކުރިއެރުމަށް މަސައްކަތްކުރާ ބައިވެރިވުމެއް ގާއިމުކުރުން” މި މައުލޫއުގެ މައްޗަށެވެ. އިރުތިޝާމްގެ ބަޔާނުގައި، ބައިނަލްއަގުވާމީ ސުލްހައާއި އަމަންއަމާންކަން ދެމެހެއްޓުމުގައި މަޝްވަރާކުރުމާއި ހިކުމަތްތެރި ހައްލުތައް ހޯދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ލަނދުދަނޑިތައް ހާސިލުކުރުމުގައި ސަރަހައްދީ ގުޅުން ބަދަހިކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ. އެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް ގާތް ރަހުމަތްތެރިކަން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ގުޅުން “ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕް” އަކަށް ބަދަލުވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ސަރުކާރާއި ރައްޔިތުން ދިވެހިރާއްޖެއަށް ދޭ މެދުނުކެނޑޭ އެހީތެރިކަމާއި ރަހުމަތްތެރިކަމަށް ޝުކުރު އަދާކުރައްވައި، އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ރާއްޖެއިން ބޭނުންވާކަން ހާމަކުރެއްވިއެވެ.

މިނިސްޓަރުގެ ބަޔާން ނިންމަވާލެއްވީ، ޗައިނާއާއި ސަރަހައްދީ އެހެން ބައިވެރިންނާއެކު ގާތްކޮށް މަސައްކަތްކޮށް، ސަރަހައްދީ ހަމަޖެހުމާއި ތަނަވަސްކަން ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ފޯރަމްގެ އިތުރުން، މިނިސްޓަރު ވަނީ 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، އެ އެކްސްޕޯގައި ގާއިމުކޮށްފައިވާ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައެވެ. ވަކިން ހާއްސަކޮށް، މިއަހަރުގެ އެކްސްޕޯގައި ބައިވެރިވާ ދިވެހި ވިޔަފާރިވެރިންގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ފަރާތްތަކުގެ އުފެއްދުންތަކާއި މަސައްކަތްތައް ބައްލަވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސް މަންދޫބުންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިސަލްއާއި، ޑައިރެކްޓަރު މަރިޔަމް ބައްސާމާ ފާރޫގުގެ އިތުރުން ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މިޒްނާ ވަހީދު ހިމެނިވަޑައިގަންނަވައެވެ.