ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ބޭނުންވާ ބިން، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ މިނިސްޓްރީއާ ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރުއެވެ.

މި ބޮޑު މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި (ފޭސް 2) އާއި އަލަށް ހިއްކަމުންދާ ތިންވަނަ ފިޔަވަހި (ފޭސް 3) ގުޅޭ ސަރަހައްދުގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި ވަރަށް މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫއާ ގުޅޭގޮތުން ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މި މިސްކިތް ކޮމްޕްލެކްސްގައި ނަމާދުކުރާ ބައިގެ އިތުރުން ކީރިތި ޤުރުއާނާ ބެހޭ މިއުޒިޔަމަކާއި، އިސްލާމީ ތަޢުލީމާއި ސަގާފަތާ ގުޅުންހުރި އެހެނިހެން މުހިންމު ވަސީލަތްތައްވެސް ހިމެނޭނެ ކަމަށެވެ.

މި މަޝްރޫއަށް ފައިނޭންސް ކުރުމަށްޓަކައި އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ މިނިސްޓްރީއިން ވަނީ ސައުދީ އަރަބިއްޔާގެ މަޝްހޫރު އަލްރަޖްހީ ކުންފުންޏާއެކު ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ.

ސަރުކާރުން ނިންމާފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީހީ މުނާސަބަތާ ގުޅުވައިގެން މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށެވެ. އެގޮތުން، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މިސްކިތުގެ ބިންގާ އެޅުމަށް މިނިސްޓްރީއިން އަންނަނީ ބާރުސްޕީޑުގައި ތައްޔާރުވަމުންނެވެ.