ކީރިތި ގުރުއާނުގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް މާލީ އެހީތެރިކަން ހޯދުމުގެ މަގުސަދުގައި ބިނާކުރާ 15 ބުރީގެ ވަގުފު އިމާރާތް، "ދާރުއްނޫރު" މަޝްރޫއު މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި މަޝްރޫއު އިފްތިތާހުކޮށް، އިމާރާތުގެ ކުރެހުން ފުރަތަމަ ފަހަރަށް ދައްކާލާފައިވަނީ މި ސަރުކާރަށް 156 ހަފްތާ ފުރުން ފާހަގަކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަގުފުގެ ދާއިރާ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއްކަމަށެވެ.
މުޅި އިމާރާތުން އާމްދަނީ ލިބޭނެހެން ފަރުމާކޮށްފައިވާ 15 ބުރީގެ "ދާރުއްނޫރު" އިމާރާތުގައި އޮފީސް ބަޔާއި، ކޮމާޝިއަލް އޭރިއާތަކާއި، ހޯލްއާއި، މީޓިން ރޫމްތަކާއި، ލައިބްރަރީގެ އިތުރުން ރެސްޓޯރެންޓު ފަދަ ތަންތަން ހިމެނޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މަޝްރޫއަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާކަމަށާއި، މަޝްރޫއުގެ އަމަލީ މަސައްކަތް 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.
މި މަޝްރޫއުގެ އިތުރުން މާލެ ސަރަހައްދުގައި އިތުރު ދެ ވަގުފު އިމާރާތެއްގެ މަސައްކަތް ވެސް މިހާރު ފަށާފައިވާކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ އެއީ ދާރުލްއަރްގަމްއާއި ދާރުއްސަލާމް ވަގުފު މަޝްރޫއުކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުތައް ނިމުމުން ދައުލަތުގެ ބަޖެޓަށް ބަރޯސާ ނުވެ، އިސްލާމީ ދާއިރާގެ މަސައްކަތްތައް ކުރިއަށް ގެންދާ ވަރަށް މިނިސްޓްރީއަށް ނަފާ ލިބޭނެކަމަށް އަންދާޒާ ކުރެވޭކަމަށާއި، އަދި މިއީ ރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫއުތަކެއްކަމަށެވެ.
