ކަނޑުގެ މާހައުލާއި ދިރުންތައް ރައްކާތެރިކޮށް، އެ ވަސީލަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑު ކަމަށްވާއިރު، ދިވެހިންގެ އިގުތިސާދީ ނާރެސް ބިނާވެފައިވަނީ ކަނޑުގެ މައްޗަށް ކަމަށެވެ. މިއަހަރުގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރަކީ "ރީއިމޭޖިން: ބިޔޯންޑް ދަ ވޯލްޑް ވީ ނޯ، އަ ނިއު ރިލޭޝަންޝިޕް ވިތް އަވާ އޯޝަން" އެވެ.
މިނިސްޓަރުގެ މެސެޖުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވެ، 2024 ވަނަ އަހަރު މުޅި އިންޑިއާ ކަނޑުގެ އުފެއްދުންތެރިކަން ދަށްވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކަޅުބިލަމަހުގެ މަސްވެރިކަން ބޮޑުތަނުން ދަށްވެ، މަސްތައް ފުން ހިސާބުތަކަށް ހިޖުރަކުރުމުގެ ސަބަބުން ދިވެހިން ކުރާ ދޮށީގެ މަސްވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށްވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މަހަށް ހަމައަގު ހޯދައިދިނުމާއެކު، އެކުއަކަލްޗާ ފުޅާކޮށް ކަނޑުން ލިބޭ މަންފާ އިތުރުކުރުން ކަމަށެވެ. އެގޮތުން ފާއިތުވި އަހަރު ރާއްޖެއަށް ސީވީޑް އެކުއަކަލްޗާ ތައާރަފުކުރެވި، މިއަހަރު އޭގެ ފުރަތަމަ ޝިޕްމަންޓް ރާއްޖޭއިން ބޭރުކޮށްފައިވާކަން ހާމަކުރެއްވިއެވެ. އަދި ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމްއިއްޔާގެ ޓެކްނިކަލް އެހީތެރިކަމާއެކު، ސީވީޑުން އައު އުފެއްދުންތައް އުފެއްދުމުގެ މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް ވިދާޅުވިއެވެ.
ކަނޑުގެ ވަސީލަތްތަކުން އިތުރު ނަފާ ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ޖަޕާނު ސަރުކާރުގެ އެހީގައި އައު މަޝްރޫއެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އދ. އިން ކަނޑައަޅާފައިވާ "ޑިކޭޑް އޮފް އޯޝަން ސައިންސް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ގައި ރާއްޖެއިން ބައިވެރިވެ، ކަނޑުތަކާ ގުޅޭ ދިރާސާތައް ކުރުމާއި، މީހުން ބިނާކުރުމުގެ އިތުރުން އައު ޓެކްނޮލޮޖީތައް ތައާރަފުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.
މެސެޖު ނިންމަވާލައްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ދިރާސާކުރުމުގައި ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ކުރީ ސަފުގައި ގުނާލެވޭ ގައުމަކަށް ހެދުން ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި ފިޝަރީޒް މިނިސްޓްރީން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު އެރުވިއެވެ.
