ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، ރައީސް އޮފީހުގެ މިނިސްޓަރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުން ދައްކާގޮތުން، ނާޒިމް އައްޔަންކުރައްވާފައި ވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
ނާޒިމް އެންމެ ފަހުން ހުންނެވި ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ، ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ސަރުކާރުގެ ހިންގުމަށް ގެނައި ބަދަލުތަކާއެކުއެވެ. އެ ބަދަލުތަކުގެ ތެރެއިން ކަންކަން ހަރުދަނާކުރުމަށް ކަމަށް ބުނެ 10 މިނިސްޓަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ.
މި ސަރުކާރު ފެށުނުއިރު ނޮވެމްބަރު 2023 ގައި ނާޒިމް ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ. އޭނާ ހެލްތު މިނިސްޓަރުކަމަށް ބަދަލުކުރެއްވީ ސެޕްޓެމްބަރު 30، 2024 ގައެވެ.
ނާޒިމް އަކީ މިސަރުކާރަށް ވެރިކަން ލިބުނު ރިޔާސީ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޑެޕިއުޓީ ކެމްޕޭނު މެނޭޖަރުގެ މަގާމުވެސް ފުރުއްވި، ސިޔާސީ ގޮތުން ތަޖުރިބާކާރު ބޭފުޅެކެވެ.
