ސިއްހީ ދާއިރާގެ އިދާރީ ހިންގުމަށް މުހިންމު ބަދަލުތަކެއް ގެނެސް، ބައެއް ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ހިންގުމުގެ ކަންކަން ސީދާ ހެލްތު މިނިސްޓްރީ ދަށަށް ބަދަލުކޮށްފި އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަތޮޅުތަކުގެ ސިއްހީ ހިދުމަތް ހަރުދަނާ ކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހެލްތު މިނިސްޓްރީ އާއި ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނާ ދެމެދު ބަދަހި ގުޅުމެއް ނެތުން ކަމަށެވެ. އެ ގުޅުން ކުޑަވުމުގެ ސަބަބުން ބޭނުންވާ ކަންކަން ކުރިއަށް ގެންދިއުމުގައި ތަފާތު ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ކަންބޮޑުވުން ރަށްރަށުން ފާހަގަ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ބަދަލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ބަޖެޓު ހޯދުމާއި ބޭނުންވާ މުވައްޒަފުން ހަމަ ކުރުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ ސީދާ ސިއްހީ މިނިސްޓްރީ މެދުވެރިވެގެން ކަމަށެވެ. ހަމައެހެންމެ، ކުޑަ އާބާދީތަކެއް ދިރިއުޅޭ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ކަންކަމަށް ހުށައަޅާނީ ވެސް ސީދާ މިނިސްޓްރީ އަށް ކަމަށާއި، ކުރިން ހިނގަމުންދިޔަ ގޮތަށް އަތޮޅުގެ އެހެން ސިއްހީ ތަނެއް މެދުވެރިކޮށް ކަންކަން ހިންގަން ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ބައެއް ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަން ހަމައެކަނި މިނިސްޓްރީ ދަށުގައި ހިންގުމުގެ ބަދަލުގައި، ސީދާ ސަރުކާރުގެ މައި އޮފީހާ ގުޅިގެން ވެސް ހިންގޭނެ ނިޒާމެއް ގާއިމު ކުރެވިގެންދާނެ ކަމަށެވެ. މި ނިޒާމުގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަންތަން އިތުރަށް ބާރުވެރި ވެ، ހިދުމަތްދިނުމުގެ ގާބިލިއްޔަތު ވަރުގަދަ ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ފުޅާ ދާއިރާއެއްގައި ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރެވިގެން ގެނެވިފައިވާ މި ބަދަލާ ގުޅިގެން ސިއްހީ ދާއިރާ އަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ. ހަމައެއާ އެކު، ތަންތަނުގެ މުވައްޒަފުން މި ބަދަލަށް ފަރިތަ ކުރުވުމަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.