އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުގެ ހިމާޔަތުގައި، އެގައުމުގެ ވަޒަންވެރިން އަލްއަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަނެ، އެތަނުގެ ހުރުމަތް ކަނޑަމުންދާ ދިއުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުގެ ސިފައިންގެ ރައްކާތެރިކަމުގެ ދަށުން ހައްދުފަހަނަޅާފައިވާ މީހުން އަލްއަގްސާ މިސްކިތުގެ ތެރެއަށް ވަދެ، އެތަނުގައި އިޒްރޭލުގެ ދިދަ ނަގާފައިވާ ކަމަށެވެ. މީގެ އިތުރުން، އަޅުކަން ކުރާ މީހުން އެ މިސްކިތަށް ވަނުން ހަނިކޮށް، ހުރަސްތައް ކުރިމަތިކުރުވަމުންދާ ކަމަށްވެސް ސަރުކާރުން ފާހަގަކޮށްފައިވެއެވެ.

މިފަދަ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެކެވެ. އަދި މިއީ މުސްލިމުންގެ މުގައްދަސް ބިމުގެ ހުރުމަތް ކަނޑާލައި، އެތަނުގެ ތާރީހީ އަދި ގާނޫނީ ހައިސިއްޔަތު އޮޅުވާލުމަށް ގަސްދުގައި ހިންގާ އުދުވާނީ އަމަލުތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

އިޒްރޭލުން ހިންގަމުންދާ އިންސާނީ ހައްގުތަޖާ ހިލާފު ބޮޑެތި ޖަރީމާތައް ހުއްޓުވައި، އެ ފަރާތް ޒިންމާދާރު ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބަޔާނުގައި ގޮވާލާފައެވެ. އަދި އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް އެއް ބިނާގެ 'ސްޓޭޓަސް ކޯ' ނުވަތަ މިހާރު އޮތް ހާލަތު ދެމެހެއްޓުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އިސްނެގުމަށްވެސް ވަނީ ގޮވާލާފައެވެ.

މި ބަޔާން ނިންމާލަމުން، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ރާއްޖެ އަބަދުވެސް ސާބިތުކަންމަތީ އޮންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. އަދި އިސްލާމީ މުގައްދަސް ބިނާތައް ހިމާޔަތްކުރުމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ޝަރުއީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރާ މަސައްކަތްތައް އިތުރުކުރުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މީގެ ކުރިން ވެސް އަލްއަގްސާ މިސްކިތަށް ޔަހޫދީން ވަދެ، މިސްކިތުގެ ހުރުމަތް ކަނޑާފައި ވެއެވެ. އެގޮތުން ޔަހޫދީ ގުރޫޕްގެ ހައްދުފަހަނަ އަޅާފައިވާ ނަތަންޔާހޫގެ ކެބިނެޓްގައި ހިމެނޭ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެން-ގަވިއާ އަލްއަގްސާ މިސްކިތުގެ ގޯތި ތެރެއަށް ވަދެ ޔަހޫދީ ދީނުގެ ލަވަ ކިޔާފައި ވެއެވެ. އެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ވެފައިވާ އިރު، ގިނަ ބަޔަކު އޭރު ހިންގި މި އަމަލުތައް ވެސް ވަނީ ކުށްވެރިކޮށްފައެވެ.