މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިންދާ ހައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުގައި (އަމީރުލް ހައްޖު) އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި، ކޮންމެ އަހަރަކުވެސް ހައްޖަށްދާ ދިވެހި ފަރާތްތަކުގެ އެންމެހާ ކަންކަން ބަލަހައްޓަވާނެ އިސް ފަރާތެއް ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން މިއަހަރުގެ މި ޝަރަފުވެރި މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓަރު މުހައްމަދު ސައީދާ ހަވާލުކުރައްވާފައެވެ.
މިއަހަރު ރާއްޖެއިން ހައްޖަށްދާ އެންމެހާ ހައްޖުވެރިން މިހާރު ވަނީ ސައޫދީ އަރަބިއްޔާއަށް ފުރާފައެވެ. އެގޮތުން ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ ފްލައިޓެއްގައި މިއަދު ހެނދުނު 253 ހައްޖުވެރިންނާއެކު، ހައްޖުވެރިންގެ ފަހު ގުރޫޕު މިއަދު ހެނދުނު ވަނީ ފުރާފައެވެ.
މިއަހަރު ދިވެހި ހައްޖުވެރިން ސައޫދީއަށް ދަތުރުކޮށްފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. އެއީ މޯލްޑިވިއަންގެ 2 ފްލައިޓާއި ސައުދީ އެއާލައިންގެ 2 ފްލައިޓެވެ. މި ހުރިހާ ހައްޖުވެރިންވެސް ދަތުރުކޮށްފައިވަނީ "މައްކާ ރޫޓު އިނީޝިއޭޓިވް" ގެ ދަށުންނެވެ. މިއީ ރާއްޖެއިން ފުރުމުގެ ކުރިން ސައޫދީ އަރަބިއްޔާގެ އިމިގްރޭޝަންގެ އެންމެހާ ކަންކަން ފުރިހަމަކޮށް، ހައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް ކުރިއަށްގެންދާ އިންތިޒާމެކެވެ.
ދިވެހި ހައްޖު މިޝަނުން މައުލޫމާތު ދެއްވާ ގޮތުގައި، ކުރިން ފުރި ތިން ގުރޫޕުގެ ހައްޖުވެރިން މިހާރު ވަނީ މައްކާއަށް ގޮސް ފުރަތަމަ އުމްރާ ފުރިހަމަކޮށްފައެވެ. އަދި މައްކާގައި ތިބި ހުރިހާ ދިވެހި ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް އެ މިޝަނުން ފާހަގަކުރެއެވެ.
ސައޫދީ ސަރުކާރުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ދެއްވާ 1000 ހައްޖު ކޯޓާގެ ދަށުން، މިއަހަރުގެ ހައްޖުގެ ކަންކަންވެސް އަމާންކަމާއެކު ގެންދިއުމަށްޓަކައި ދިވެހި ހައްޖު މިޝަނާއި، ހައްޖު ކޯޕަރޭޝަނުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.
