މާލޭގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތަކުގައި ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ޓްރެފިކް ބަލަހައްޓަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ހާމަކުރި ގޮތުގައި، މާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަންތަނަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޓްރެފިކް އެންމެ ބާރުބޮޑުވާކަމަށް ފާހަގަކުރެވިފައިވާ 12 ސަރަހައްދެއް ބަލައި ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މި ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާނީ އާންމުންނަށް ދަތުރުފަތުރުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދީ، މަގުމަތީގެ އަމާންކަން ގާއިމުކުރުމަށް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެގޮތުން ފުލުހުން އަންނަނީ ބޮޑުތަކުރުފާނު މަގާ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ޝެޑް ސަރަހައްދާ ބްރިޖާ ގުޅޭ ސަރަހައްދުތައް ހިމެނޭހެން ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ކުރިއަށް ގެންދާ މި ހަރަކާތުގައި އާންމުކޮށް ކޮންމެ ދުވަހަކުވެސް ބާރުބޮޑުވާ ގަޑިތަކުގައި މަގުތައް ތޮއްޖެހުމުގެ ސަބަބުން ދަތުރުފަތުރުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި މަގުމަތީގެ އަމާންކަން ގާއިމުކޮށް އެކްސިޑެންޓްތައް މަދުކޮށް، މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކެއްގެ ސަލާމަތްތެރިކަން އިތުރުކުރުން ހާއްސަ އިސްކަމެއް ދޭނެއެވެ.