ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މިދިޔަ އަހަރުގެ ސާފު ފައިދާއިން ހިއްސާދާރުންނަށް ބަހާ ފައިދާގެ ގޮތުގައި ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައި ވަނީ ރޭ ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގައި ބޭއްވި އެ ކުންފުނީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. މިއީ އެސްޓީއޯއިން އާންމުންނަށް ހިއްސާ ވިއްކަން ފެށިތާ 25 އަހަރު ފުރޭ އަހަރަށް ވާއިރު، މިއީ އެސްޓީއޯގެ ތާރީހުގައި ހިއްސާއަކަށް މިހާ ބޮޑު ބޮޑު އަދަދެއް ބަހަން ކަނޑައެޅި އަހަރެވެ.

މި ޖަލްސާގައި ޖުމްލަ 263 ހިއްސާދާރުން ބައިވެރިވިއިރު، އޭގެ ތެރޭގައި ހިމެނެނީ އަމަލީގޮތުން ހާޒިރުވި 176 ހިއްސާދާރުންނާއި ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވި 87 ހިއްސާދާރުންނެވެ. ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ނިންމީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެސްޓީއޯއިން ބުނި ގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި ހިއްސާދާރުންނަށް ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ. މިދިޔަ އަހަރު އެ ކުންފުނިން ބަހާފައިވަނީ ހިއްސާއަކަށް 80 ރުފިޔާއެވެ.

މީގެ ކުރިން އަހަރުތަކުގައި ހިއްސާއަކަށް ޖެހުނު އަދަދު:

  • 2023: ހިއްސާއަކަށް 80 ރުފިޔާ
  • 2022: ހިއްސާއަކަށް 77 ރުފިޔާ
  • 2021: ހިއްސާއަކަށް 65 ރުފިޔާ
  • 2020: ހިއްސާއަކަށް 60 ރުފިޔާ
  • 2019: ހިއްސާއަކަށް 58 ރުފިޔާ
  • 2018: ހިއްސާއަކަށް 58 ރުފިޔާ

މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 15.55 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 763 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

ރޭގެ ޖަލްސާގައި 2024 ވަނަ އަހަރުގެ ޔައުމިއްޔާ އާއި، އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުގެ އިތުރުން ޑިރެކްޓަރުންގެ ރިޕޯޓު ވެސް ވަނީ ފާސްކޮށްފައެވެ. އަދި ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް ހަމަޖައްސައި، އުޖޫރައިގެ ގޮތުގައި 1,009,800 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރެއްގެ ގޮތުގައި މުޙައްމަދު އަޙުސަން ސަލީމް ވަނީ އައްޔަންކޮށްފައެވެ .