ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ދިމާވި ހިތާމަވެރި ހާދިސާގައި ގެއްލުނު އިޓަލީ ވިލާތުގެ ޑައިވަރުން ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތް ކުރައްވައި، ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވާފައި ކަމަށެވެ. އެ ސަރަހައްދުގައި ގާއިމުވެތިބެ މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ކަމާބެހޭ އިދާރާތަކުން ވަނީ، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލީ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައިވާ ކަމަށް ރައިސް އޮފީހުން ބުނެއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކަމާބެހޭ ފަރާތްތަކާއި ފީނުމުގެ ދާއިރާގެ އެކި އެކި މަސްއުޅުވެރިންނާ ގުޅިގެން ކުރިއަށްގެންދާ މި ބޮޑު އޮޕަރޭޝަނަށް ބޭނުންވާނެ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވިއެވެ. އަދި މި އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ޓީމުތަކަށް ކާމިޔާބީއަށް އެދިވަޑައިގެން، ބޭނުންވާ އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ހޯމް މިނިސްޓަރު އަލީ އިހްސާނާއި، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި، ޓޫރިސްޓު މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅުނު އިޓަލީގެ ފަސް ޑައިވަރުންނަށް ދިމާވި މި ހާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ. އަދި ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ދަނީ ކުރަމުންނެވެ. މި ހިތާމަވެރި ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އިޓަލީ ވިލާތުގެ ރައީސް ސާޖިއޯ މަޓަރެއްލާއަށާއި އެ ގައުމުގެ ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވާފައެވެ

މި ހާދިސާގެ ތަފްސީލުތަކަށް ބަލާއިރު، އިޓަލީގެ މި ފަތުރުވެރިން ފީނަން ގޮސް އުޅުނީ ފެލިދެއަތޮޅުގެ ފުން ސަރަހައްދެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާގައި ނިޔާވި ފަތުރުވެރިޔާގެ ހަށިގަނޑު ފެނިފައި ވަނީ ކަނޑުގެ އަޑިން ބޮޑު ސަރަހައްދެއް ބަލަމުން ދަނިކޮށް، އެ ސަރަހައްދުގައި އޮތް ހޮހަޅައެއްގެ ކައިރިންނެވެ.

ގެއްލިފައިވާ އަނެއް ހަތަރު ފަތުރުވެރިން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، އެމީހުން ފެލިދެއަތޮޅުގެ ގާތްގަނޑަކަށް 200 މީޓަރު ފުން ހޮހަޅައެއް (ކޭވް) ތެރޭގައި ތަށިވެފައިވާ ކަމަށް މިހާރު ބެލެވެއެވެ. މި ސަރަހައްދަކީ އާދަޔާ ހިލާފަށް ފުން އަދި ފީނުމަށް ދަތި ސަރަހައްދަކަށް ވުމާއެކު، ރިކަވަރީ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އެމްއެންޑިއެފް އިން ފާހަގަކުރެއެވެ. އެހެންނަމަވެސް، ޒަމާނީ ވަސީލަތްތަކާއެކު އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ.