ވ. އަތޮޅު އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ބުރާސްފަތި ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ އިޓަލީގެ ޔުނިވަސިޓީ އޮފް ޖެނޯއާގެ އެސޯސިއޭޓް ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން ކަމަށް އެ ޔުނިވަސިޓީން ކަށަވަރުކޮށްދީފިއެވެ.

އުމުރުން 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އަކީ އެ ޔުނިވަސިޓީގެ މަޝްހޫރު ޕްރޮފެސަރެއްގެ އިތުރުން އިޓަލީގެ މަޝްހޫރު ޓީވީ ޝަހުސިއްޔަތެކެވެ. ކަނޑުގެ މާހައުލަށް ނުހަނު ލޯބިކުރި މޮނިކާ އަކީ ކަނޑުގެ ދިރުންތަކާ ގުޅޭ މުހިންމު މަޝްރޫއުތަކާއި ޕްރޮގްރާމްތަކުގެ އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މީހެކެވެ.

އަލިމަތާ ކައިރިއަށް ޑައިވިނަށް ފޭބި ފަސް ޓޫރިސްޓުން ގެއްލިގެން ހޯދަމުންދަނިކޮށް، މިހާތަނަށް ފެނިފައިވަނީ އެންމެ މީހެއްގެ ހަށިގަނޑެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، މޫދު އަޑިން ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ބޮޑު ކޭވްއެއްގެ ތެރެއިންނެވެ. މި ހަށިގަނޑު ފެނިފައިވަނީ ހޯދުމުގެ މަސައްކަތުގައި ބައިވެރިވި ސަފާރީގެ ޑައިވަރުންނަށެވެ.

މި ހާދިސާގައި ގެއްލުނު ފަސް މީހުންވެސް މަރުވެފައިވާ ކަމަށް އިޓަލީގެ ފޮރިން މިނިސްޓްރީން މިހާރު ވަނީ ބުނެފައެވެ. އިޓަލީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަރުވި މޮނިކާގެ އިތުރުން މި ހާދިސާގައި ގެއްލިފައިވަނީ އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް އާއި، މިއުރިއަލް އޮޑެނީނޯ، ޖިއަންލޫކާ ބެނެޑެޓީ އަދި ފެޑެރިކޯ ގުއަލްޓިއޭރީއެވެ.

އެމްއެންޑީއެފުން ލަފާކުރާ ގޮތުގައި، ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީކަމަށް ބެލެވެނީ ދިގުމިނުގައި 200 އެއްހާ ފޫޓު ހުރި މި ކޭވްގެ ތެރޭގައެވެ. މި މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ މެދުކަނޑުމެއް ނެތި ކުރަމުންނެވެ.