ރޭ މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން، ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި 9 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެއްވުމުގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ ހަތް ފިރިހެނުންނާއި ދެ އަންހެނުންނެވެ. މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެއްވުން ކޮންޓްރޯލްކޮށް އަމަންއަމާންކަން ގާއިމުކުރުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތަށް ހުރަސްއަޅައި، ފުލުހުންގެ ގާނޫނީ އަމުރަށް ނުކިޔަމަންތެރިވުމާ ގުޅިގެންނެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި މާލޭގެ މަގުތަކުގައި ކުރިއަށްދިޔަ އިހުތިޖާޖެއްގެ ތެރެއިންނެވެ. ފުލުހުން ބުނީ މި މީހުންގެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރޭ މާލޭގެ މަގުތަކުގައި ކުރިއަށްދިޔަ މި އެއްވުމަކީ ސުލްހަވެރިކަމާއެކު ފެށި އެއްވުމެއް ނަމަވެސް، ފަހުން ވަނީ ހަމަނުޖެހުމަކަށް ބަދަލުވެފައެވެ. ފުލުހުންގެ ސަފުތައް ފަޅާލައި، ބައެއް ބައިވެރިން ފުލުހުންނާ ކުރިމަތިލުމުގެ ސަބަބުން ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި އިސް ސަފުގައި ހަރަކާތްތެރިވި ފިރިހެން ފުލުހަކަށެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ފަހަތަށް ޖައްސާފައެވެ. އަދި އެ ސަރަހައްދުގެ އަމަން ގާއިމުކުރުމަށްޓަކައި އިތުރު ފުލުހުން ވަނީ އެ ސަރަހައްދަށް ނެރެފައެވެ. އަނިޔާވި ފުލުސް މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލަތު ރަނގަޅުވުމުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި ކަަމަށް ފުލުހުން ބުނެއެވެ.