މިހާރުގެ ސަރުކާރުން މުޅި ދައުލަތް ހިސޯރުކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވައި، ގައުމު ސަލާމަތް ކުރުމަށްޓަކައި ކުރީގެ ތިން ރައީސުން އެކުގައި ނިކުމެވަޑައިގަތުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައިފިއެވެ.
ފައްޔާޒު މިކަމަށް ގޮވާލެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަގާމާ ހަވާލުވެވަޑައިގަންނަވަން ކުރެއްވި ހުވަޔާ ހިލާފުވެ، ބުއްދި ފިލައިގޮސް މުޅި ދައުލަތް ހިސޯރު ކުރައްވާފައި ކަމަށެވެ.
ފައްޔާޒު ވިދާޅުވީ މިދަނޑިވަޅަކީ ތަފާތު ސިޔާސީ ވިސްނުންތައް އެއްފަރާތްކޮށް، ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ ވަގުތުކަމަށެވެ. އަދި މިއީ އިދިކޮޅު ލީޑަރުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުހައްމަދު ސާލިހް، އަދި ރައީސް އަބްދުﷲ ޔާމީން އެކުގައި ނިކުމެވަޑައިގެން ގައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، މިހާރުން މިހާރަށް ނޫސްވެރިން މިނިވަން ކުރުމަށް އިންސާފުވެރި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުން މަސައްކަތް ކޮށްދެއްވުމަށް ވެސް ފައްޔާޒު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ނޫސްވެރިން މިނިވަން ކުރާ ވާހަކަ އޭނާ އިޝާރާތް ކުރައްވަނީ، އަދަދު ނޫހުގެ ނޫސްވެރިން ޖަލަށްލި މައްސަލައަށް ކަމަށް ބެލެވެއެވެ.
