އެސްޓީއޯ އިން "ފިނި ފިނި ޕްރޮމޯ" ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަނުގައި ހިޓާޗީގެ ފެންވަރު ރަނގަޅު އޭސިއެއް ގަނެގެން ބައިވެރިވެވޭ އިރު، ގްރޭންޑް ފައިޒަކަށް ހިޓާޗީ ހޯމް އެޕްލަޔަންސް ޕެކޭޖެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޭ މަހުގެ ހޫނު ދުވަސްވަރު، ގޭތެރޭގެ މާހައުލު ފިނިކޮށް، ހިތްފަސޭހަ ކަމާއެކު ދިރިއުޅުމަކީ ގިނަ ބައެއްގެ އުންމީދެކެވެ. ވައިގެ ހޫނުމިން މަތިވަމުންދާ މި ދުވަސްވަރު، އެކަށީގެންވާ ފިނިކަމެއް ލިބޭނެ އޭސީއެއް ހޯދުމަކީ ގިނަ ގޭބިސީތަކެއްގެ ޒަރޫރީ ބޭނުމެކެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ވަނީ ހިޓާޗީ ބްރޭންޑުގެ އޭސީތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ.

މި ޕްރޮމޯޝަންގެ ދަށުން، ހިޓާޗީ އޭސީ ބަލައިގަންނަ ކޮންމެ ފަރާތަކަށް ވެސް ހާއްސަ ފުރުސަތުތަކެއް ވަނީ ހުޅުވާލާފައެވެ. އެގޮތުން، ވިޔަފާރި ކުރާ ކޮންމެ 1000 ރުފިޔާއަކަށް، ލަކީ ޑްރޯގައި ބައިވެރިވުމަށް ހާއްސަ ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މި ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރި ފަރާތަކަށް 40،000 ރުފިޔާގެ އަގުހުރި ހިޓާޗީ ބްރޭންޑުގެ ހޯމް އެޕްލަޔަންސް ޕެކޭޖެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ދިވެހިންގެ މެދުގައި ހިޓާޗީ ބްރޭންޑަކީ ވަރަށް ބޮޑު އިތުބާރެއް އޮތް ނަމެކެވެ. އަހަރުތަކެއް ވަންދެން ހަލާކުނުވެ، ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ އޭސީތަކެއްގެ ގޮތުގައި ހިޓާޗީ އޭސީތައް ވަނީ ގިނަ ދިވެހި ގޭބިސީތަކުން ޖާގަ ހޯދާފައެވެ. ކޮލިޓީއާއި ދެމެހެއްޓެނިވި ކަމަށް ދޭ އަހައްމިއްޔަތުގެ ސަބަބުން، ހިޓާޗީއަކީ ގިނަ ބައެއްގެ ފުރަތަމަ ޗޮއިސް އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 5 އިން ފެށިގެން އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. މާލެ އާއި ހުޅުމާލޭގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކަކުން ވެސް މި ޕްރޮމޯޝަންގެ ދަށުން ވިޔަފާރި ކުރެވޭނެއެވެ.