ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެސްޓީއޯ ހެލްތުކެއާ އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދުނިޔޭގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި "ބޭޔާ"ގެ ފާމަސޫޓިކަލް އުފެއްދުންތައް މިއަދު ރަސްމީކޮށް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
މި އުފެއްދުންތައް ތައާރަފުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތާއި، ސިއްހީ ދާއިރާގެ މާހިރުންނަށް އަމާޒުކޮށްގެން ބޭއްވި ތަމްރީނު ޕްރޮގްރާމް ކުރިއަށްދިޔައީ މާލޭގެ ހޮޓެލް ޖެންގައެވެ. މި ބައްދަލުވުމުގައި ސިއްހީ ދާއިރާގެ އިސް ބޭފުޅުންނާއި، ރާއްޖޭގެ ސިއްހީ މާހިރުންގެ އިތުރުން ބައިނަލްއަގުވާމީ ސިއްހީ މާހިރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގެ މައިގަނޑު މަގުސަދަކީ ބަލިތަކަށް ފަރުވާކުރުމުގައި ބޭނުންކުރާ އެންމެ ފަހުގެ އީޖާދީ ވަސީލަތްތައް ރާއްޖެއަށް ތައާރަފުކުރުމެވެ. މިގޮތުން ހިތުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކާއި، އެންޑޮކްރިނޮލޮޖީ ނުވަތަ ހޯމޯންއަށް އަންނަ ބަދަލުތަކާ ގުޅޭ ބަލިތަކާއި، އެތެރެހަށީގެ ބަލިތަކުގެ އިތުރުން އަންހެނުންގެ ސިއްހަތާ ގުޅުންހުރި ދާއިރާތަކުން ހޯދިފައިވާ ކުރިއެރުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރެވުނެވެ.
އެސްޓީއޯ އިން ހާމަކުރި ގޮތުގައި މިއަދު ތައާރަފްކުރެވުނު ފަރުވާތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރަމުންދާ، ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ، އަދި ބަލިމީހުންގެ ފަރުވާގެ ނަތީޖާ ރަނގަޅުކުރުމުގައި ކާމިޔާބުކަން ސާބިތުވެފައިވާ އީޖާދީ ފަރުވާތަކެކެވެ. މި ފަރުވާތައް ރާއްޖެއަށް ތައާރަފްކޮށްފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ ހަރުދަނާ އަދި އިތުބާރުހުރި އުސޫލުތަކުގެ ތެރެއިން ރަޖިސްޓްރީކުރެވިގެންނެވެ.
އެސްޓީއޯ ހެލްތުކެއާ އާއި ބޭޔާ ކުންފުނި ގުޅިގެން ފެށި މި މަސައްކަތަކީ ރާއްޖޭގެ ގައުމީ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ފަރުވާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި ފެށުނު އާ ގުޅުމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ދެކެއެވެ.
