އެސްޓީއޯ ގްރޫޕްގެ 2025 ވަނަ އަހަރުގެ ހިސާބުތައް އާންމުކޮށްފިއެވެ.
އިއްޔެ އާންމުކުރި އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 16.68 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ނަމަވެސް މިއީ މީގެ ކުރީ އަހަރާއި އަޅާ ބަލައި އިރު 0.5 އިންސައްތަ ދަށްވުމެކެވެ.
އެސްޓީއޯއިން ބުނި ގޮތުގައި، ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއި ޝިޕިން ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ. ތެލުގެ އާމްދަނީ ދަށްވި ނަމަވެސް ތެޔޮ ވިކުނު އަދަދު ވަނީ 8 އިންސައްތައިން އިތުރުވެފައެވެ. އަދި ހަމަމިއާއިއެކު، އިންޝޫރަންސް، ގޭސް އަދި ޓްރޭޑިން ވިޔަފާރި ރަނގަޅުވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ހިންގުމުގެ ހަރަދު ނިސްބަތުން ދަށްވި ނަމަވެސް، ޖުމްލަ އާމްދަނީ ދަށްވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ އެސްޓީއޯ ގްރޫޕަށް ވަނީ 1.18 ބިލިއަން ރުފިޔާ ލިބިފައެވެ. އެހެންނަމަވެސް ފައިނޭންސް ކުރުމުގެ ހަރަދު 16 އިންސައްތައިން ދަށްވުމާއިއެކު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ވަނީ 962 މިލިއަން ރުފިޔާ ލިބިފައެވެ.
މިއީ މީގެ ކުރީ އަހަރާއި އަޅާ ބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ވަނީ 785 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާ ބަލައި އިރު 2 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
