މާލެ ސަރަހައްދުގައި ބިންވެރިޔާ ސްކީމުން ގޯތި ދޫކުރި ގުޅިފަޅާއި، ގިރާވަރުފަޅާއި ހުޅުމާލެ ތިން ވަނަ ފިޔަވަހިން އިތުރަށް ބިން ދޫކުރާނެ ޖާގައެއް ނެތް ކަމަށާއި ރަސްމާލެއަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭނެ ތަން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު މީކާއިލް ވަނީ ގުޅިފަޅު، ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް 3 އާބާދުކުރުމުގެ މަސައްކަތް އޮތް އިރު، ރަސްމާލެ މަޝްރޫއަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ ސަބަބު ހާމަކުރެއްވުމަށް އެދި ސުވާލު ކުރައްވާފައެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން މުއްތަލިބް ވިދާޅުވީ، ރަސްމާލެ މަޝްރޫއު ސަރުކާރުން ކުރިއަށްގެން ދިޔަ ނަމަވެސް، އެއާއެކުއެކީގައި ހުޅުމާލެ ފޭސް 3، ގުޅިފަޅު އަދި ގިރާވަރުފަޅުގެ މަސައްކަތްތަކަށް ވެސް އިސްކަންދީގެން ކުރިއަށްގެންދާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އެ ތަންތަނުގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަ ވީހާވެސް އަވަހަށް ގާއިމުކޮށް، ރައްޔިތުންނަށް ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
މި މަސައްކަތްތަކަކީ ބޮޑު ހޭދައެއް ހިނގާ ކަންކަމަށް ވާއިރު، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ފައިސާ ހޯދުމުގައި ގިނަ ދަތިތަކެއް އެބަހުރި ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަމަށް މަޑުނުކޮށް، ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އެ މަސައްކަތްތައް އަވަސްކުރުމަށް މިހާރު ނިންމާފައިވާ ކަމަށާއި، އޭގެ ތައްޔާރީތައް ވަމުންދާ ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެއީ މާލެ ސަރަހައްދުގެ މުސްތަގުބަލަށް އޮތް ބޮޑު ޕްލޭން ކަމަށެވެ. މާލެ ސަރަހައްދުގައި މިހާރު ހުރި ބިންތަކާއި ނިމުނު ސަރުކާރުގައި ހިންގި "ބިންވެރިޔާ" މަޝްރޫއުގެ ދަށުން ހުރިހާ ބިންތަކަކުން ގޯތި ދީފައިވާ ކަން ފާހަގަ ކުރައްވަމުން މުއްތަލިބް ވިދާޅުވީ، ފްލެޓް އެޅުމަށް ޖާގަ ހޯދުމަށް ވެސް މިހާރު އޮތީ މަދު ބިންކޮޅެއް ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި މިހާރު ބާކީ އޮތް ބިންތަކުން އެންމެ ގިނަވެގެން އެޅޭނީ 12،000 ފްލެޓް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ގުޅިފަޅު، ގިރާވަރުފަޅު، ހުޅުމާލެ 3، މި ތަންތަނުގައި މިހާރު ބިމެއް ނެތް އިތުރަށް ދޭކަށް. ގިނަވެގެން ކުރިމަގުގައި ދެވޭނީ 12,000 ފްލެޓް. އެހެންވީމަ ރަސްމާލެއަކީ މުސްތަގްބަލަށް ރިއާޔަތްކޮށް ހިންގަން މަޖުބޫރު މަޝްރޫއެއް. ރައީސްގެ ތަސައްވުރަކީ 20 އަހަރުގެ ޕްލޭނެއް،" ޑރ. މުއްތަލިބް ވިދާޅުވިއެވެ.
ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިޔާ ކަނޑުގައި ތަރައްގީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީކަމަށާއި، މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތައާރަފް ވެގެންދާނެ މަޝްރޫއެއްކަމަށް ސަރުކާރުން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ.
ރަސްމާލެ އިން 25،000 ގޯތި ދޭން މި ސަރުކާރުން ނިންމާފައިވާ އިރު، އޭގެ ތެރެއިން 15،000 ގޯއްޗާއި 7،500 ފްލެޓު ދޫކުރަން ނިންމައި ފޯމް ހުށަހަޅަން ވަނީ ހުޅުވާލާފައެވެ. ފްލެޓާއި ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ހަމަވާ އިރު އެ މުއްދަތާ ހަމައަށް 36000 ފޯމް ހުށަހަޅާނެ ކަމަށް ސަރުކާރުން ވަނީ ލަފާ ކޮށްފައެވެ.
