ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގޯތި ހަވާލުކުރިކަމުގެ ލިޔުން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ޑިޖިޓަލްކޮށް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މީގެ ކުރިން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރަމުން އައީ ގުޅިފަޅަށް ގޮސްގެން ކަމަށްވީ ނަމަވެސް، މި ގެނެވުނު ބަދަލާއެކު އެ ސަރަހައްދަށް ނުގޮސް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު މިލިޔުން ހޯދޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު މި ޕޯޓަލް މެދުވެރިކޮށް ގޯތި އޮތް ސަރަހައްދާއި ގޯތީގެ މިހާރުގެ ހާލަތު ބަލައިލުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ލިޔުން ހޯދުމަށް ހިޔާވަހި ޕޯޓަލް' އަށް އީފާސް މެދުވެރިކޮށް ލޮގިން ކުރުމަށްފަހު ގޯތި ހަވާލުކުރުމުގެ ބަޔަށް ގޮސް ޕޯޓަލްގެ މައި މެނޫ ނުވަތަ މަތީގައިވާ މެނޫއިން 'ގޯތި ހަވާލުކުރުން' މި ބަޔަށް ދެވޭނެއެވެެ. އަދި ލިޔުން ޑައުންލޯޑް ކުރުމަށް ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތެއްނަމަ، އެ ފަރާތަކަށް ލިބިފައިވާ ގޯތީގެ ތަފްސީލު ފެންނަން ހުންނާނެއެވެ. އަދި 'ގޯތި ހަވާލުކުރިކަމުގެ ލިޔުން' މި ބައިން ޑައުންލޯޑް ކުރެވޭނެއެވެ.

ގޯތީގެ ލޮކޭޝަން ބެލުމަށް ގޯތި ހަވާލުކުރި ލިޔުމުގައި ގޯތީގެ ލޮކޭޝަން ބެލުމަށްފަހު ކިއު އާރް ކޯޑަކާއި ލިންކެއް ހިމެނިފައިވާނެއެވެ. މި ކޯޑު ސްކޭން ކޮށްލުމުން ނުވަތަ ލިންކަށް ފިއްތާލުމުން ގޯތި އޮތް ތަން މެޕުން ފެންނާނެއެވެ.

ހައުސިން މިނިސްޓްރީން ވަނީ މި ހިދުމަތާ ގުޅޭގޮތުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް ވެސް ފާހަގަކޮށްފައެވެ އެގޮތުން މި ލިޔުން ޑައުންލޯޑް ކުރެވޭނީ، ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށް އެކަނިކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭނަމަ، އެ މަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.