ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސްގެން ހިއްކަން ފެށި ރަސްމާލެ މަޝްރޫއުގެ ދަށުން ހުޅުމާލެގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ވަރުގެ ބޮޑު ސަރަހައްދެއް ހިއްކާ ނިމިފައިވާ ކަމަށާއި އެއީ ޖުމްލަ 504 ހެކްޓަރު ކަމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މުއްތަލިބް ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ 50 ޕަސެންޓަށް ވުރެ ބޮޑު ސަރަހައްދެއް ކަމަށްވާ 504 ހެކްޓަރު ހިއްކައި ނިމިފައިވާ ކަަމަށެވެ. އެއީ ހުޅުމާލޭގެ 2 ފިޔަވަހި އެއްކޮށްލުމުން ލިބޭ ވަރުގެ ބޮޑު ޖާގައެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ތެލާއި ތަކެތީގެ އަގަށް އައިސްފައިވާ ބަދަލާ އެކު އެ މަޝްރޫއުގެ ޓައިމްލައިނަށް ބަދަލެއް އަންނާނެ ކަމަށެވެ.
ނަމަވެސް މިހާރު ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރިމަތިލުމަށް ފޯމް ހުށަހަޅަން ދީފައިވާ މުއްދަތު ހަމަވެ، އޭގެތެރެއިން ބިން ލިބޭނެ މީހުން ކަނޑައަޅައި އެފަރާތްތަކަށް ބިން ހަވާލުކުރަން ވާ އިރަށް ރަސްމާލެ ހިއްކައި ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ގޯތި ދޫކުރުމުގައި ކަނޑުން، ބިން ނުހިއްކާ އޮތް ސަރަހައްދަކުން ގޯތި ނުދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުން 1009 ހެކްޓަރު ހިއްކަން ނިންމާފައި ވާއިރު މި މަޝްރޫއުގެ ފުރަތަމަ ހިއްކާ 29 ހެކްޓަރު ބޭނުންކުރާނީ މަޝްރޫއުގެ ބޮޑެތި ފިޔަވަހިތައް ނިންމުމަށް ބޭސްއެއްގެ ގޮތުގައެވެ. ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ރަސްމާލެ ތަރައްގީ ކުރާނީ ޒީރޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށެވެ. ބިމުގެ ބޮޑު މިނަށް ބަލާ ނަމަ މިއީ، ހުޅުމާލެ ފޭސް 2 ހިމެނޭހެން ހުޅުމާލޭގެ ތިން ގުނަ ބޮޑު ސިޓީއެކެވެ.
ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިޔާ ކަނޑުގައި ތަރައްގީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީކަމަށާއި، މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތައާރަފް ވެގެންދާނެ މަޝްރޫއެއްކަމަށް ސަރުކާރުން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ.
ރަސްމާލެ އިން 25،000 ގޯތި ދޭން މި ސަރުކާރުން ނިންމާފައިވެ އެވެ. އޭގެ ތެރެއިން 15،000 ގޯއްޗާއި 7،500 ފްލެޓު ދޫކުރަން ނިންމައި ފޯމް ހުށަހަޅަން ވަނީ ހުޅުވާލާފައެވެ. ފްލެތާއި ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ހަމަވާނެއެވެ.
