ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ބަދަލުތައް ހުށަހަޅުއްވާފައި ވަނީ މަޝްވަރާއެއް ނެތި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ނުރުހުން ފާޅު ކުރައްވައިފިއެވެ.
"ބޮޑު ބަދަލު" ގެ ނަމުގައި ނަޝީދާއި ފައްޔާޒް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން އިގްތިސާދީ ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފައެވެ. އެބޭފުޅުން ހުށަހެޅުއްވި މައިގަނޑު ބަދަލަކީ ސަރުކާރުގެ މަތީ ވެރިޔާ އާއި ދައުލަތުގެ މަތީ ވެރިޔާ ދެ މަގާމަކަށް ހެދުމެވެ.
އެގޮތުން ސަރުކާރުގެ މަތީ ވެރިޔާ އިންތިހާބުކުރާނީ މިހާރު ވެސް ރައީސް އިންތިހާބުކުރާ ގޮތަށް ރައްޔިތުންގެ ސާފު އަޣުލަބިއްޔަތު ވޯޓަކުންނެވެ. އަދި ދައުލަތުގެ ވެރިޔާ އިންތިހާބުކުރާނީ މަޖިލިސް މެމްބަރުންނާއި ކައުންސިލަރުންގެ ވޯޓަކުންނެވެ. އެކަމަކު، ވަކިކުރެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން ކަމަށް އެ ހުށަހެޅުމުގައި ވެއެވެ. މީގެ އިތުރުން ވެސް ނަޝީދު ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި:
- މަޖިލީހުގެ ކޮމްޕޮޒިޝަން ބަދަލުކޮށް މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުން
- ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ހަނިކުރުން
- ރައްޔިތުންގެ ވޯޓަކުން ފަނޑިޔާރުން ވަކި ކުރެވޭނެ ގޮތަށް ހެދުން
- ދައުލަތުގެ މާލިއްޔަތަށް އަސަރުތައް ކުރާ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދަން ޖެހޭ ގޮތަށް ބަދަލުކުރުން
ނަޝީދާއި ފައްޔާޒްގެ އެ ހުށަހެޅުންތަކާ މެދު ނުރުހުން ފާޅު ކުރަމުން އެމްޑީޕީގެ ދާއިމީ ޗެއާޕާސަން ކަމަށް ވެސް ވާދަކުރައްވާ މީކާއީލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް "ތިރިން މައްޗަށް" ދާ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީގެ ހުށަހެޅުންތައް އަންނަން ވާނީ އެންމެ އާދައިގެ މެންބަރާއި މަޝްވަރާ ކުރެވިގެން، އެމީހުންގެ ފަރާތުން އަންނަ އެއްޗެއްގެ ގޮތުގައި ކަަމަށް މީކާއިލް ވިދާޅުވިއެވެ.
ނަަމަވެސް އެއާ ހިލާފަށް މިހާރު ހުށަހެޅިފައި ހުރި ހުށަހެޅުންތައް ފެންނަނީ މަތިން ތިރިއަށް އަންނަ ހުށަހެޅުންތަކެއް ކަން ފާހަގަކޮށް މީކާއިލް ވިދާޅުވީ، އެއީ ރަނގަޅު އިޖުރާއަތްތަކެއް ނޫން ކަމަށެވެ. އަދި އެފަދަ ބޮޑެތި ނިންމުންްތަކަށް މި ޕާޓީތައްް ދާން ވާނީ އާއްމު މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވި، ގައުމީ މަޖިލީހުގައި މަޝްވަރާ ކުރެވި، ކަނޑައެޅިފައިވާ ހުރިހާ ގުނަވަންތަކުގައި އެ މަޝްވަރާ ވަރަށް ރަނގަޅަށް ހިންގި ރާވާ އިންތިޒާމްވެގެން ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މީކާއިލް ވިދާޅުވީ، މީކާއިލް ވިދާޅުވީ ޗެއާޕާސަން ކަމަށް އޭނާ އިންތިހާބު ވެއްޖެނަމަ ޕާޓީގެ ސަފުތައް ބަދަހިކޮށް އެއްބައިވަންތަކަން އާލާ ކުރުމާއި އެއްވެސް ފަރުދެއްގެ އަމިއްލަ މަސްލަހަތަށްވުރެ ޕާޓީ އާއި ޕާޓީ މެމްބަރުންގެ މަސްލަހަތު އިސްކުރައްވާނެ ކަމަށެވެ.
އެކަން ހާސިލް ކުރުމަށް ޗެއާޕާސަންގެ ދައުރަށް ބަލައި ވަނީ މަސައްކަތު ޕްލޭނެއް ތައްޔާރު ކުރުމަށް ވެސް ނިންމަވައިފަ އެވެ. މީކާއިލް ވިދާޅުވީ އެ ޕްލޭން ވެގެންދާނީ 2028ގެ އިންތިހާބުގައި އެ ޕާޓީން ވެރިކަމަށް އައުމާއި ގައުމަށް ބޭނުންވާ ބަދަލުތައް ގެނައުމަށް ހަދާ ޕްލޭނަކަށް ކަމަށެވެ.
ނަޝީދާއި ފައްޔާޒްގެ މި ހުށަހެޅުންތަކަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ވަނީ ނުރުހުން ފާޅު ކުރައްވާފައެވެ. އެގޮތުން އަހުމަދު އަބްދުﷲ ދީދީ ވަނީ، "ބޮޑުބަދަލު"ގެ ނަމުގައި ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކަކީ އިދިކޮޅަށް ނިސްބަތްވާ ފެކްޝަނަކުން ހީލަތްތެރިކަމާ އެކު ވެރިކަމަށް އައުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަ ކުރައްވާ ވާހަކަ ދައްކަވާފައެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މީކާއިލްގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިހުގެ ކުރީގެ މެމްބަރުން އަލްހާން ފަހުމީ ވާދަކުރައްވާނެކަން އިއުލާންކޮށްފައި ވެއެވެ.
