އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް، ކުރިއަށްލާފައި މަގާމުތައް ބަހައިގެން ނުވަތަ ވަކި ގޮތްތަކެއް ކަނޑައަޅައިގެން ނިކުތުމުން ޕާޓީގެ އެއްބައިވަންތަކަން ގެއްލި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްދާއިރު ޕާޓީ ރޫޅުމުގެ ފުރުސަތު ބޮޑު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކައިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ މީކާއިލް މިހެން ވިދާޅުވީ އޭނާގެ "އިތުބާރު" ކެމްޕެއިން ނިންމުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާި މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ރިޔާސީ އިންތިހާބަށް ނަޝީދާއި ފައްޔާޒު އެއްބަސްވުމަށް ހަދާފައިވާކަމަށް ދެކެވޭ ވާހަކަތަކަށް ނުސީދާ ރައްދެއް ދެއްވަމުން މީކާއިލް ވިދާޅުވީ އޭނާ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ 2028 އާ ހަމައަށް އެމްޑީޕީ އަކީ އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި ދެމެހެއްޓުމަށް ކަމަށެވެ. އަދި ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ފަސް ބޭފުޅުން ވަރު ޕާޓީގެ ތެރޭގައި އެބަތިއްބެވި ކަމަށާއި، އެ ހަގީގަތް ގަބޫލުކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރިއަށްދާން ބޭނުންނަމަ، އަޅުގަނޑު ހިތަށް އަރަނީ އެމްޑީޕީގެ ޗެއާޕާސަނަކަށް ފަރުދަކު ނިކުންނައިރު، އޭނާ އަކީ ރައީސް، ތިމަންނާ އަކީ ބޮޑުވަޒީރޭ ބުނެ މަގާމު ބަހާ ނިކުތީމާ އެ އެއްބައިވަންތަކަން މި ޕާޓީގައި ހިފެހެއްޓޭބާއޭ. ނޫން ނުހިއްފެއްޓޭ. އެ ބީދައިން އަމަލުކުރުމުން އަނެއްކާވެސް 2028 އާ ހަމައަށް އަޅުގަނޑުމެން ދާއިރު މި ޕާޓީގެ ސަފުތައް ރޫޅުމުގެ ފުރުސަތު އެބަ އޮތް،" މީކާއިލް ވިދާޅުވިއެވެ.
މި އިންތިހާބުގައި އޭނާއާއެކު ނެތް އެއްވެސް ބޭފުޅަކު ބާކީނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ޕާޓީގެ ސަފުތައް ބަދަހިކުރުމަށްޓަކައި އޭނާއަށް ވޯޓު ދެއްވުމަށް މީކާއިލް ވަނީ އެމްޑީޕީގެ އާންމު މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބާ ދިމާކޮށް ދެ ފަރާތުން ވެސް ދަނީ ފޯރިއާއެކު ކެމްޕެއިން ކުރަމުންނެވެ.
