މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އައްޔަން ކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މާދަމާ ފެށުމަށް ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
އެމްޑީޕީން ބުނީ، މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ މެންދުރުފަހު 2:30 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށެވެ. މި އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން، އަވަށްޓެރި ސްރީލަންކާގައި ދިރިއުޅޭ އެ ޕާޓީގެ މެންބަރުންނަށް ވޯޓުލެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
މި އިންތިހާބު ބާއްވަން ޖެހުނީ ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފައްޔާޒްގެ އިސްތިއުފާއަށްފަހު، މިހާތަނަށް ޕާޓީގެ ޗެއާޕާސަންގެ މަގާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއެވެ.
ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެ ބޭފުޅުންނަކީ:
- ކުރީގެ ރައީސް މުހައްމަދު ނަޝީދު
- ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް
- އިބްރާހިމް މުހައްމަދު
މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުރިއަށްގެންދާ މި އިންތިހާބުގައި ޖުމްލަ 241 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރެއިން 240 ވޯޓު ފޮށި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާއިރު، ސްރީލަންކާގެ ކޮލަމްބޯގައި އެއް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ކުރިން ރަށްރަށުގެ ޕާޓީ ހަރުގެތަކުގައި ވޯޓުލުން ކުރިއަށް ގެންދަން ނިންމި ނަމަވެސް، ފަހުން އެ ޕާޓީން ވަނީ ހުރިހާ ރަށެއްގައި ވެސް ސްކޫލްތަކުގައި ވޯޓުލުން ކުރިއަށްގެންދާ ގޮތަށް ބަދަލުކޮށްފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި ވޯޓުލުން ކުރިއަށްދާނީ ތިރީގައިވާ 10 ސްކޫލުގައެވެ:
- ހުރަވީ ސްކޫލް
- ދަރުމަވަންތަ ސްކޫލް
- މަޖީދިއްޔާ ސްކޫލް
- އަމީނިއްޔާ ސްކޫލް
- ކަލާފާނު ސްކޫލް
- އިސްކަންދަރު ސްކޫލް
- މާފަންނު މަދުރަސާ
- ގަލޮޅު ސްކޫލް
- މުހިއްޔިއްދީން ސްކޫލް
- ކާމިލްދީދީ ސްކޫލް
އެމްޑީޕީއަކީ މިހާރު ރާއްޖޭގައި އޮތް ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި 43,784 މެންބަރުން ތިބި ނަމަވެސް، ޕާޓީގެ އެތެރޭގެ ދާއިމީ ވޯޓާސް ލިސްޓުގައިވާ ގޮތުން މި އިންތިހާބުގައި ޖުމްލަ 48,912 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
