ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގޮވާލެއްވުމާއެއްގޮތަށް އެމްޑީޕީއާއެކު އެއް މޭޒެއްގެ ދޮށުން ބައްދަލުކުރައްވާ މަޝްވަރާކުރެއްވުމަށް ދެއްވި ދައުވަތަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުސީދާކޮށް ނޫނެކޭ ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެއީ އެމަނިކުފާނުގެ މެނިފެސްޓޯއާ މުޅިން ހިލާފް ކަމެއް ކަމަށެވެ. ރައްޔިތުން ވޯޓު ދީގެން އެމަނިކުފާނު ހޮވާފައި ވަނީ އެ މަނިކުފާނުގެ މެނިފެސްޓޯއާ އެއްގޮތަށް ކަން ކުރުމަށް ކަމަށް ކަމަށް ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، އެމަނިކުފާނު ކުރިއަށް ދާނީ މެނިފެސްޓޯގައި ހުރި ކަންކަން ކުރެއްވުމުގައި ކަމަށެވެ.
އެހެންކަމުން ނުސީދާ ކޮށް ރައީސް ވަނީ ރައީސް ނަޝީދުގެ ދައުވަތަށް ނުސީދާކޮށް ވަނީ ނޫނެކޭ ވިދާޅުވެފައެވެ.
އިއްޔެ ހަވީރު ރައީސް ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން ގެންނަން ބޭނުންވާ ބޮޑު ބަދަލާއެކު އެމްޑީޕީ ޗެއާޕާސަން ކަަމަށް ނަޝީދު ވާދަކުރައްވަން ނިންމަވާފައިވާ ކަމާއި ވެރިކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުރިމަތިލެއްވުމަށް ތާއީދު ކުރައްވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީން ގެންނަ ބޮޑު ބަދަލާ ގުޅިގެން ތަފްސީލު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ގާނޫނޫ އަސާސީ އަށް އަމަލު ކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވާ އިރު، އެ ގާނޫނު އަސާސީއަށް މިހާރު ބަދަލު ގެނައުމަކީ މުހިއްމު ކަމެއް ކަމަށެވެ ގާނޫނު އަސާސީއަށް ގެންނަޖެހޭ ބަދަލުތަކާއި ވެރިކަން ކުރާ ގޮތަށް ގެންނަން ޖެހޭ ބަދަލުތައް ހިއްސާ ކުރައްވާފައެވެ.
ރައީސް ނަޝީދު ހުށަހަޅުއްވާ ބޮޑު ބަދަލުގެ ތެރޭގައި ހިމެނޭ މައިގަނޑު ދެކަމަކީ ގާނޫނު އަސާސީ ލިބިދޭ ހައްގުތަކެއް ނިގުޅައި ނުގަނެވޭނެ ގޮތްތަކަކާއި އަދި ދެން ހުރި ހައްގުތައް ހިމާޔާތް ކުރުމަށް އިގްތިސޯދީ ގޮތުން ރާއްޖެ ރައްކާތެރި ކުރެވޭނެ ގޮތެއް ހޯދަން ކުރަން ޖެހޭ ކަންކަން ކުރުމެވެ. ގާޏޫނު އަސާސީއަށް ބައެއް ބަދަލުތައް ގެންނަން ނިންމަވާފައިވާ އިރު، ވެރިކަމުގެ ވައްތަފާޅިއަށް ބަދަލު ގެނައުމަށާއި ރައްޔިތުންގެ ފެން ނުފެންނަ ވޯޓުތައް އިތުރު ކުރުމަށް ވެސް ވަނީ ހިމަނާފައެވެ.
މި ބަދަލުތައް މިހާރު ވެސް ގެންނަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި މި ބަދަލަކީ 2028 ގައި ގެންނަން ޖެހޭ ބަދަލުތަކެއް ނޫން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މި ބަދަލުތަކުގެ ވާހަކަފުޅު ދައްކަވަނީ ވަރަށް އިހްލާސްތެރި ކަމާއެކުގައި ކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ މޭޒުދޮށަށް ވަޑައިގަތުމަށް މި ސަރުކާރަށް ގޮވާލައްވާފައެވެ. މި ބަދަލުތަކާ ގުޅޭ ގޮތުން އެއް މޭޒެއްގެ ދޮށުން މަޝްވަރާ ކޮށްގެން މި ބަދަލުތައް ހަމަޖެއްސުމަށް މަސައްކަތް ކުރުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
