ނުވަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ފުޓްބޯލް އެސޯސިއޭޝަންސް ކަޕް، އެފްއޭކަޕްގެ ތަށި ކާމިޔާބުކޮށްފިއެވެ.

2017 ވަނަ އަހަރަށް ފަހު ނިއު ފުރަތަމަ ފަހަރަށް މި ތަށި ހޯދީ މިރޭ ގަލޮޅު ބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށްގެންނެވެ

މީގެ 9 އަހަރު ކުރިން ނިއު އަށް އެންމެ ފަހުން މި ތަށި ލިބުނު ފަހަރު ވެސް ފައިނަލްގައި އެޓީމުން ވާދަކުރީ ޓީސީއާއެވެ. އެފަހަރުގެ މެޗުގެ 90 މިނެޓްގެ ކުޅުނު ހަމަވީ އިރު 2-2 އިން ދެ ޓީމު އެއްވަރުވުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަަހައިގެންނެވެ. ނިއު ޕެނަލްޓީ ޝޫޓް އައުޓް ކާމިޔާބުކުރީ 4-2 އިންނެވެ.

މިއީ ނިއު އެފްއޭކަޕް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ.

ފައިނަލްގައި ނިއުއިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 21 ވަނަ މިނެޓްގައެވެ. މިލަނޑަކީ ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ކެޕްޓަން އަލީ ފާސިރު ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނިއުގެ ފުރަތަމަ ލަނޑު ޖަހާ ދިން ކެޕްޓަން ފާސިރު/ފޮޓޯ: ސިޑިބަރި

އެއަށް ފަހު ފުރަތަމަ ހާފް ނިމެން 5 މިނެޓަށްވެފައި ވަނިކޮށް ލަނޑެއް ޖަހާ ނިއުއިން އެޓީމުގެ ލީޑު ފުޅާ ކުރިއެވެ.

ދެވަނަ ހާފްގައި ޓީސީއަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް ދެން ވެސް މެޗުގައި ލަނޑު ޖެހީ ނިއުއިންނެވެ. މި ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗު ނިމެންދަނިކޮށެވެ.