ރޭ އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގައި ޗެލްސީއާ އާސަނަލް ބައްދަލުކުރި މެޗު 2-1 އަކުން އާސަނަލް ކާމިޔާބުކޮށް ރިކޯޑް 14 ވަނަ ފަހަރަށް އާސަނަލް އެފްއޭ ކަޕް ތަށ އުފުލާލައިފިއެވެ.

ގައުމީ ސްޓޭޑިއަމް ވެމްބްލީގައި ސަޕޯޓަރުންނާ ނުލާ ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޗެލްސީއިންނެވެ. މެޗުގެ 5 ވަނަ މިނެޓްގައި އެޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެމެރިކާއަށް ނިސްބަތްވާ ކްރިސްޓިއަމް ޕުލިސިކްއެވެ.

އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސަނަލްއިން ސްކޯ ހަމަހަމަ ކުރިއެވެ. މެޗުގެ 28 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްދީގެން ފުރަތަމަ ލަނޑު ޖަހާ ދިނީ ކެޕްޓަން ޕިޔޭ އެމްރިކް އޮބަމިޔޭންގްއެވެ.

މެޗުން އާސަނަލް މޮޅުވި ލަނޑުވެސް ޖަހާ ދިނީ އޮބަމިޔޭންގްއެވެ. މެޗުގެ 67 ވަނަ މިނެޓްގައި އޭނާ އާސަނަލްއަށް ކާމިޔާބުކޮށްދިން ލަނޑަކީ ހިތްގައިމު އަދި މޮޅު ލަނޑެކެވެ.

ރޭގެ މެޗުގެ ދެލަނޑު ވެސް އާސަނަލްއަށް ކާމިޔާބުކޮށްދިނީ އޮަބަމިޔޭންގް

ޗެލްސީއިން ސްކޯ ހަމަހަމަ ކުރުމަށް ފުރުސަތުތައް އުފެއްދި ނަމަވެސް އެޓީމުގެ މެދު ތެރެއަށް ކުޅޭ މަތާއޯ ކޮވަޗިޗްއަށް މެޗުގައި ދެއްކި ދެ ރީދޫކާޑާއެކު ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުން 10 މީހުންނާއެކު ކުޅެން އުނދަގޫވިއެވެ.

އާސަނަލްއަކީ އެފްއޭ ކަޕްގެ ތައްޓާ ރަހްމަތްތެރި ޓީމެއްގެ ގޮތުގައި އަބަދު ވެސް ސިފަ ކުރެވޭ އިރު 2002 ވަނަ އަހަރުން ފެށިގެން އެޓީމުން މި މުބާރާތުގެ ފައިނަލްގައި 7 ފަހަރު ކުޅެފައިވާ އިރު މި ހުރިހާ ފަހަރަކު އެޓީމުން ވަނީ ތަށި އުފުލާލާފައެވެ.

ރޭގެ މެޗުން އާސަނަލްއަށް ލިބުނު ކާމިޔާބީއާއެކު އެޓީމުގެ ކޯޗު މިކެލް އާޓެޓާ މިވަނީ އާސަނަލްގެ ތާރީހުގެ ތެރެއަށް ވެސް އަރާފައެވެ. މީގެ ކުރިން އާސަނަލްއަށް ކުޅުނު ޢާޓެޓާ އަކީ އާސަނަލްގެ ކެޕްޓަންގެ ގޮތުގައާ ކޯޗުގެ ގޮތުގައި އެފް.އޭ ކަޕް ތަށި އުފުލާލި ފުރަތަމަ މީހާއެވެ.

އެފް.އޭ ކަޕްއިން މޮޅުވެ އާސަނަލް ވަނީ އަންނަ ސީޒަންގެ ޔޫރަޕާ ލީގުން ޖާގައެއް ކަށަވަރުކޮށްފައެވެ.