މި ސީޒަންގެ ޕްރިމިއާ ލީގު ޗެމްޕިއަންސް މެންޗެސްޓާ ސިޓީ ބަލިކުރުމަށް ފަހު އެޓީމާ އެންމެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް މިއަަހަރުގެ އެފްއޭކަޕް ތަށި ހޯދައިފިއެވެ.

މިރޭ ކުޅުނު އެފްއޭކަޕް ފައިނަލް މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-1 އިންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ލަނޑު ޖެހީ މުޅި މެޗުގައި މޮޅުވެސް އާދިޔާ ހިލާފު މޮޅު ކުޅުމެއް ދެއްކި ޔުނައިޓެޑުންނެވެ. މިގޮތުން، މެޗުގެ 30 ވަނަ މިނެޓްގައި އެޓީމަށް މި ލަނޑު ކާމިޔާބުކޮށް ދިނީ އާޖެންޓީނާގެ ޒުވާން ފޯވަޑް އެލިހެންޑްރޯ ގާނާޗޯއެވެ.

މިމެޗުގައި ޔުނައިޓެޑުން ވަނީ މޮޅު ކުޅުމެއް ދައްކާފައި/ފޮޓޯ: އެކްސް

އޭނގެ ނުވަ މިނެޓް ފަހުން މިސީޒަންގައި ޔުނައިޓެޑުގެ ފުރަތަމަ 11 އިން ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިއެއް ކަމަށްވާ ކޯބީ މައިނޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ސްކޯ 2-0 އަކަށް ހަދާފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-0 އިން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި ސިޓީގެ ހަމަލާތައް އިތުރު ކުރި އިރު ސިޓީގެ ފޯވަޑް އާލިންޑް ހާލެންޑް ފޮނުވާލީ އެއް ހަމަލާ ޖެހުނީ ގޯލުގެ ދަނޑީގައެވެ. މީގެ އިތުރުން، ޔުނައިޓެޑްގެ ކީޕަރު އަންޑްރޭ އޮނާނާގެ ހުޝިޔާރު ސޭވްތަކެއް ވެސް ފެނިގެންދިޔައެވެ.

އެހެން ނަމަވެސް މެޗު ނިމެން ހަތަރު މިނެޓަށް ވެފައި އޮއްވާ ސިޓީގެ ބަދަލު ކުޅުންތެރިޔާ ޖެރެމީ ޑޯކޫ ވަނީ ލަނޑެއް ޖަހާ ސްކޯލައިންގެ ފަރަގު ކުޑަކޮށްފައެވެ. އެހެން ނަމަވެސް މެޗުގައި ސިޓީއަށް އިތުރު ލަނޑެއް ޖަހަން ނުލިބުނު އިރު މިފަހަރުގެ އެފްއޭކަޕް ފައިނަލް ނިމުނީ 2-1 އިން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މިއީ ޔުނައިޓެޑް މި ތަށި ކާމިޔާބުކުރި 13 ވަނަ ފަހަރަށް ވާ އިރު އެޓީމަކީ އާސަނަލަށް ފަހު އެންމެ ގިނައިން މި ތަށި ހޯދި ކްލަބެވެ.

2015 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑަށް ލިބުނު ފުރަތަމަ އެފްއޭކަޕް ތައްޓަކީ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ދެ ސީޒަންގެ ތެރޭގައި އެޓީމަށް ހޯދައިދިން ދެވަނަ ތައްޓެވެ. މިރޭގެ ފައިނަލަށް ފަހު ޓެން ހާގް ކޯޗު ކަމުން ވަކި ކުރާނެ ކަމުގެ އަޑު ފެތުރިފައިވާ އިރު މެޗަށް ފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނީ ދެ ސީޒަންގެ ތެރޭގައި ދެ ތަށި ހޯދާ ތިން ފައިނަލަށް ޓީމު ގެންދިއުމަކީ ކުޑަ ކާމިޔާބީއެއް ނޫން ކަމަށެވެ. އަދި ޔުނައިޓެޑުން އޭނާ ބޭނުން ނުވާ ނަމަ އެހެން ކްލަބަކަށް ގޮސް ތަށި ހޯދަން މަސައްކަތް ކުރަން ތައްޔާރަށް ހުރި ކަމަށް ވެސް ޓެން ހާގް ބުންޏެވެ.