2017 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ނިއު ރޭޑިއަން ސްޕޯޓްސް ކްލަބް އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެއަހަރުގެ މުބާރާތް ކާމިޔާބުކުރި ނިއު މި ފަހަރުގެ ފައިނަލަށް ދިޔައީ ސެމީގެ ފުރަތަމަ މެޗުގައި 7-0 އިން ބްލޫ ސްޕޯޓްސް ކްލަބް ފަސޭހަ ކަމާއެކު ބަލިކުރުމަށް ފަހުއެވެ.

މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި އެކަނި ވެސް ނިއުއިން ބްލޫސް ކޮޅަށް 5 ލަނޑު ޖެހި އިރު އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 3 ވަނަ މިނެޓްގައި ޖަހާ ދިނީ ނިއުއަށް ކުޅޭ ލައިބީރިއާގެ މިޑްފީލްޑަރު ޔާޔާ ބިލިޓީއެވެ.

ނިއުގެ ފުރަތަމަ ލަނޑު ޖަހާ ދިން ޔާޔާ/ފޮޓޯ: ސިޑިބަރި

މިމެޗުގައި ނިއުގެ އަލީ ފާސިރު ވަނީ ހެޓްރިކް ހަދާފައެވެ. މުބާރާތުގެ ކުއާޓާގައި ނިއުއާ އޮޑި ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި ވެސް ފާސިރު ވަނީ ހެޓްރިކް ހަދާފައެވެ. މުޅި ސީޒަންގައި ފާސިރު ވަނީ ނިއު އަށް 18 ލަނޑު މިހާތަނަށް ޖަހާފައެވެ.

1980 އަދި 1990 ގެ އަހަރުތަކުގައި ދިވެހި ފުޓްބޯޅައިގެ އެންމެ މޮޅު އެއް ކްލަބް ކަމަށްވާ ނިއު ފައިނަލްގައި ކުޅޭނެ ޓީމެއް އެނގިގެންދާނީ މިރޭ ޓީސީ ސްޕޯޓްސް ކްލަބްއާ ބުރު ސްޕޯޓްސް ކްލަބް ވާދަ ކުރާ މެޗަށް ފަހުއެވެ. މި މެޗު ކުޅޭނީ މިރޭ 9 ޖަހާ އިރުއެވެ.