އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމުގައި ހުންނެވި ޑރ. މަރްޔަމް މާރިޔާ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ޑރ. މާރިޔާ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، ސަރުކާރުގެ އިސް މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ބޮޑެތި ބަދަލުތަކެއް ގެންނަވަމުންދާ ދަނޑިވަޅެއްގައެވެ.
ޑރ. މަރްޔަމް މާރިޔާއަކީ ތައުލީމީ ދާއިރާގައި 31 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. މާރިޔާ ވަނީ 2012 ވަނަ އަހަރު ނިއުޒީލޭންޑުގެ މޭއްސީ ޔުނިވާސިޓީން އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ.
މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ޑރ. މާރިޔާ ވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ޔުނިވާސިޓީތަކުގައި މަތީ ތައުލީމު އުނގަންނައިދިނުމުގެ މަސައްކަތް ކުރައްވާފައެވެ. އެގޮތުން ނިއުޒީލެންޑް، އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުގެ އިތުރުން، ރާއްޖޭގެ ގައުމީ ޔުނިވާސިޓީ، އިސްލާމީ ޔުނިވާސިޓީ، ވިލާ ކޮލެޖް އަދި ނުރަސްމީ ތައުލީމުދޭ މަރުކަޒުގައިވެސް އެކަމަނާ ވަނީ މުހިންމު ހިދުމަތްތަކެއް ކުރައްވާފައެވެ.
ޑރ. މާރިޔާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ސަރުކާރުން އަދި ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.
