ބުޅާ ގެންދަން އިމާރާތްކުރި 'އޮޅުހިޔާ' ފެސިލިޓީ އަށް އަހަރަކު 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް، އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އޮޅުހިޔާ ހިންގުމަށް ދައުލަތުގެ ބަޖެޓުން ހަރަދުވާނެ މިންވަރާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މާރިޔާ ވިދާޅުވީ، ނަން ރިކަރަންޓް ހަރަދުގެ ގޮތުގައި އަހަރަކު 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

އަދި ކޮންމެ 2،000 ބުޅަލަށް މަހަކު ހަތްލައްކަ ރުފިޔާ، ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ، އަދި އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި، ބުޅަލަކަށް މަހަކު 368 ރުފިޔާ، އަދި އަހަރަކަށް 5،416 ރުފިޔާ ހަރަދުވާނެ ކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި އޮޅުހިޔާ ފެސިލިޓީ މާލެ ސިޓީ ކައުންސިލުން މިނިސްޓްރީގެ ދަށަށް ގެންދަން ޖެހުނީ އެ ތަނުން ދޭން ޖެހޭ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމަށް ތަކުރާރުކޮށް އެދުމުން ވެސް ސިޓީ ކައުންސިލުން އެކަން ކޮށްފައި ނެތުމުންނެވެ.

މި ވަގުތު ބުޅާ ފެސިލިޓީގައި 15 ބުޅާ އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި މައުލޫމާތުން ހިސާބު ހަދާނަމަ 15 ބުޅަލަށް މަހަކު 5،520 ރުފިޔާ ޖެހޭނެއެވެ. އަދި އަހަރަކަށް 81،240 15 ބުޅަލަށް ޖެހޭނެއެވެ.