އިންސާނުން ފިޔަވައި، އަމިއްލަ އަށް އޮޕަރޭޝަންކޮށް، ބަލިވެފައިވާ ގުނަވަންތައް ބުރިކޮށްލުމުގެ ގާބިލުކަން ލިބިގެންވަނީ ކޮން މަހުލޫގަކަށް ހެއްޔެވެ؟ މިއީ ފަހަރެއްގައި ގިނަ ބަޔަކު ހީވެސް ނުކުރާނެ ފަދަ ސުވާލެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ދެކޭ ގޮތުގައި، ބޭސްވެރިކަމާ، ސިއްހީ ފަރުވާ ދިނުމަކީ ހަމައެކަނި އިންސާނުންނަށް ހާއްސަވެފައިވާ އަދި ވަރަށް ވިސްނުންތެރި ސިކުނޑިއެއް ބޭނުންވާ ކަމެކެވެ. ނަމަވެސް، ސައިންސްވެރިން ދާދި ފަހުން ހޯދި ހޯދުންތަކުން މިވަނީ މި ވިސްނުން މުޅިން ބަދަލުކޮށްލާފައެވެ.

އަޅުގަނޑުމެންގެ ފައިދަށުވެ، މަރުވެދާ ކުޑަކުޑަ ހިނިތަކަކީ މިފަދަ އާދަޔާ ހިލާފު ކުޅަދާނަކަމެއް ލިބިގެންވާ މަހުލޫގެކެވެ. ހާއްސަކޮށް، އެކަތި އަނެކައްޗަށް އަޅާލައި، ފަރުވާދިނުމުގައި ހިނިތައް ގެންގުޅޭ އުސޫލުތަކަކީ އިންސާނުންގެ ސިއްހީ ނިޒާމާ އެއްގޮތް ކަންތައްތަކެއް އެކުލެވޭ، ވަރަށް ފުރިހަމަ ނިޒާމެކެވެ. ހިނިތަކުގެ ތެރޭގައި، އެކަކު އަނެކަކަށް އެހީތެރިވުމަކީ ދިރިހުރުމުގެ އެންމެ މުހިންމު އެއް އަސާސެވެ.

ހިނީގެ ފަރުވާ ދިނުމުގެ އަޖައިބު

ޒަހަމްތަކަށް ފަރުވާދިނުމާއި އޮޕަރޭޝަން ކުރުން

އެމެރިކާގެ ފްލޮރިޑާ ސަރަހައްދުގެ ޖަންގަލިތަކާއި ގަސްގަހާގެހީގެ ތެރެއިން ފެންނަ "ފްލޮރިޑާ ކާޕެންޓާ ހިނި" (ކެމްޕޮނޯޓަސް ފްލޮރިޑާނަސް)ވަނީ މިފަދަ އާދަޔާހިލާފު ސިފަތަކެއް ފެނިފައެވެ. ދިރާސާކުރާ ފަރާތްތަކުން ވަނީ، މި ބާވަތުގެ ހިނިތަކުގެ ތެރެއިން ހިންޏަކަށް އަނިޔާއެއް ލިބި، ޒަހަމްވެއްޖެނަމަ، އެހެން ހިނިތައް އައިސް އެ ޒަހަމް ސާފުކޮށްދޭކަން ހޯދާފައެވެ. މިއަށްވުރެ ބޮޑަށް ސައިންސްވެރިން ހައިރާންކޮށްލީ، ބައެއް ހާލަތްތަކުގައި އެސޮރުމެންގެ އެކުވެރިޔާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި، ޒަހަމްވެފައިވާ ފައި ބުރިކޮށްލާކަން އެނގުމުންނެވެ. މިއީ އެއްވެސް ކަހަލަ ޒަމާނީ އާލާތެއް ނެތި، ހަމައެކަނި އެސޮރުމެންގެ ދަތްދޮޅި ބޭނުންކޮށްގެން ކުރާ ވަރަށް ނާޒުކު މަސައްކަތެކެވެ.

https://youtu.be/RDAOobxbFxI?si=vQDSLZFONZqERScM

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި އެއް ސައިންސްވެރިޔާ ކަމަށްވާ އެރިކް ފްރޭންކް ވިދާޅުވި ގޮތުގައި، ހިނިތައް ހަގީގަތުގައި ވެސް އޮޕަރޭޝަންތައް ކުރެއެވެ. “ފަލަމަސްގަނޑަށްވުރެ މަތިން ފަޔަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ހިނިތައް މުޅި ފައި ބުރިކޮށްލާ،” އޭނާ ވިދާޅުވިއެވެ. މިއީ އިންސާނުންގެ ތެރޭގައި ވެސް އިންފެކްޝަން ފެތުރުން ހުއްޓުވުމަށްޓަކައި ޑޮކްޓަރުން ކުރައްވާ ފަދަ ކަމެކެވެ. އެސޮރުމެންނަށް އެނގޭ ގޮތުގައި، ޒަހަމްވެފައިވާ ގުނަވަން އެގޮތަށް ބާއްވައިފިނަމަ، މުޅި ހަށިގަނޑަށް ވިހަ ފެތުރި، އެ ހިނި މަރުވެދާނެއެވެ.

ހާލަތަށް ބަލައި ގޮތް ނިންމުން ހިނިތަކުގެ މި އަމަލަކީ ހަމައެކަނި އިއްތިފާގަކުން ކުރާ ކަމެއް ނޫނެވެ. އެސޮރުމެންނަކީ ލިބިފައިވާ އަނިޔާގެ ކުޑަބޮޑުމިނަށް ބަލައި، ދޭންވީ ފަރުވާ ކަނޑައަޅާ ބައެކެވެ. އެގޮތުން ފާހަގަކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި:

އަނިޔާ ލިބިފައިވަނީ ހުޅާ ކައިރިން ނަމަ، އަދި އެއީ ބޮޑު ޒަހަމެއް ނަމަ، މުޅި ފައި ބުރިކޮށްލައެވެ. މިއީ އިންފެކްޝަން ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެކެވެ.

ޒަހަމް ކުޑަ ނަމަ، ނުވަތަ ފައިގެ ތިރިއަށް އަނިޔާވެފައިވާ ނަމަ، އެތަން ލޮވައިގެން ސާފުކޮށް، އިންފެކްޝަން ކުޑަކުރަން މަސައްކަތް ކުރެއެވެ. މިގޮތަށް ފަރުވާދިނުމުގެ ސަބަބުން، އަނިޔާ ލިބޭ ހިނިތައް ސަލާމަތްވުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ.

ދިރާސާއިން ދައްކާ ގޮތުގައި، އިންފެކްޝަން އުފެދިފައިވާ ގުނަވަންތައް ބުރިކޮށްލުމުން، އެއްވެސް ފަރުވާއެއް ނުދީ ދޫކޮށްލާ ހިނިތަކާ އަޅާބަލާއިރު، ފުރާނަ ސަލާމަތްވުމުގެ ނިސްބަތް ވަރަށް ބޮޑަށް މައްޗަށް ދެއެވެ. މިއީ އެސޮރުމެންގެ މުޖުތަމައުގެ ތެރޭގައި ބަލިމަޑުކަން ފެތުރުނަ ނުދިނުމަށް އަޅާ ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި މިއީ އިންސާނުންގެ ތެރޭގައި ކުރިންސުރެ ކުރަމުން އައިސްފައިވާ ބޭސްވެރިކަމުގެ އުސޫލުތަކާ ވަރަށް ބޮޑަށް އެއްގޮތް ކަމެކެވެ.

ސައިންސާއި ޓެކްނޮލޮޖީއަށް އޮތް އުންމީދެއް

މި ހޯދުމަކީ ދިރޭތަކެއްޗާ ބެހޭ އިލްމު ނުވަތަ އެންޓޮމޮލޮޖީގެ ދާއިރާގައި ވަރަށް މުހިންމު ހޯދުމެކެވެ. އިންސާނުންގެ ސިކުނޑި ފަދަ އުނދަގޫ އަދި ތަރައްގީވެފައިވާ ސިކުނޑިއެއް ނެތް ނަމަވެސް، މައްސަލަތައް ހައްލުކުރުމާއި އެކަކު އަނެކަކަށް އަޅާލުމުގައި ހިނިތައް ދައްކުވައިދޭ މި ކުޅަދާނަކަމަކީ ސައިންސްވެރިންނަށް ލިބުނު ވަރަށް ބޮޑު ހައިރާންކަމެކެވެ. މީގެ ކުރިން ހީކުރެވިފައި އޮތީ، މިފަދަ ނިންމުންތައް ނިންމުމަކީ އިންސާނުންނަށް ކުރެވޭނެ ކަމެއް ކަމަށެވެ. ނަމަވެސް މި ކުޑަކުޑަ ސޫފީގެ އަމަލުތަކުން އެކަން ވަނީ ބަދަލުވެފައެވެ.

މި އާދަޔާ ހިލާފު ހޯދުމުގެ ސަބަބުން، މުސްތަގުބަލުގައި ސިއްހީ ދާއިރާއަށާއި ރޮބޮޓިކްސްގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ، އާދައިގެ ކުޑަ ސިކުނޑިއަކުން ވެސް މިފަދަ މުހިންމު ނިންމުންތައް ނިންމާ ގޮތް ދެނެގަނެވިއްޖެނަމަ، އެ ނިޒާމު ބޭނުންކޮށްގެން އާ ޓެކްނޮލޮޖީތައް އުފެއްދުމުގެ މަގު ފަހިވެގެންދާނެތީއެވެ. ހާއްސަކޮށް، އަމިއްލައަށް ކަންކަން ނިންމާ ރޮބޮޓްތައް އުފެއްދުމުގައި ހިނިތަކުގެ މި ނިޒާމަކީ ނަމޫނާއަކަށް ވެގެންދާނެއެވެ.

ކޮންމެއަކަސް، ހިނިތަކުގެ މި އަމަލުން ސާބިތުކޮށްދެނީ ގުދުރަތީ ނިޒާމުގެ ފުރިހަމަކަމާއި ކުޅަދާނަކަމެވެ. އެންމެ ކުދި ސޫފާސޫފީގެ ތެރޭގައި ވެސް، އެކަތި އަނެކައްޗަށް އަޅާލުމާއި، ފުރާނަ ސަލާމަތްކުރުމަށްޓަކައި ގުރުބާންވުމުގެ ރޫހު އޮތްކަން މިވަނީ ހާމަވެފައެވެ. މިއީ އިންސާނުންނަށް ވެސް އެތައް ފިލާވަޅުތަކެއް ލިބިގެންދާނެ ކަމެކެވެ. އެސޮރުމެންގެ މުޖުތަމައުގައި އެކަކު އަނެކަކަށް އެހީތެރިވެ، ބަލިމީހުންނަށް ފަރުވާދިނުމުގައި ދައްކުވައިދޭ އެއްބައިވަންތަކަމަކީ، މި މުޖުތަމައުތަކުގައި ވެސް އާލާކުރަންޖެހޭ މުހިންމު ސިފައެކެވެ.