ރޭ މެންދަމުގެ ވަގުތެއްގައި ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު ރޭ 03:43 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔާ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ. އެގޮތުން ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު ހެނދުނު 08:19 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ތިލަފުށީ ވެމްކޯ ސައިޓުގައި ރޭ އަލިފާން ރޯވެފައިވާ އިރު، ހުޅުމާލެ އަމާން ދޯދި ފްލެޓްތައް ކައިރީގައި ހުރި ކުނިތަކެއްގައި ވެސް ރޭ 2 ޖަހާއިރު ވަނީ އަލިފާން ރޯވެފައެވެ. އެ އަލިފާން ގަނޑުވެސް ނިއްވާ ލެވުނީ މިއަދު ހެނދުނު 8 ޖެހި ފަހުންނެވެ. މި ހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
