މާލޭގެ ގެއެއްގެ ކޮޓަރިއެއްގައި ހުރި ކަރަންޓު ސޮކެޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރުއެސް) އިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ ގ. ކްރެބް ޓްރީ ގޭގެ ކޮޓަރިއެއްގައި ކަމަށެވެ. މި ހާދިސާގެ މައުލޫމާތު މިއަދު މެންދުރު 12:09 ހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުމާ ގުޅިގެން، މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

ފަޔާފައިޓަރުން ކުރި ހަލުވި މަސައްކަތުން ރޯވެފައިވާ އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ވަނީ މިއަދު މެންދުރު 12:25 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި އެ ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ގ. ކްރެބް ޓްރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ، އެ އޮތޯރިޓީން މިހާރު އެކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.