މާލޭގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ހާލުގައި ޖެހުނު އާއިލާއަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެންޑީއެމްއޭއިން ބުނީ، އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ މ. ބާޑްލައިން ގޭގެ 8 ވަނަ ފަންގިފިލާގައި ކަމަށެވެ. އެގޮތުން އެ ފަންގިފިލާގެ އެޕާޓްމަންޓް ބީ ގެ ކަރަންޓް ޑީ ބޯޑެއްގައި ރޯވި އަލިފާން، ވަނީ އެއްކޮށް ނިއްވާލާފައެވެ.

އިއްޔެ ހިނގި މި ހާދިސާގައި، އެޕާޓްމަންޓުގައި ހުރި މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

އަދި އަލިފާނުގެ ސަބަބުން އެ އެޕާޓްމަންޓުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވީ ނަމަވެސް، ގޭގެ އިތުރު އެއްވެސް އެއްޗަކަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެހެންނަމަވެސް، އެޕާޓްމަންޓުން ކަރަންޓު ކެނޑިފައިވާތީ، އެތަނުގައި ދިރިއުޅޭ 5 މީހުންނަށް (2 އަންހެނުންނާއި 3 ފިރިހެނުންނަށް) 3 ދުވަހުގެ މުއްދަތަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށް އެންޑީއެމްއިން ވަނީ ބުނެފައެވެ.