އަންނަ އަހަރުން ފެށިގެން ހައްޖަށްދާ މީހުންގެ މެޑިކަލް ޗެކަޕް ސަރުކާރުން ހިލޭ ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

"ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ، ހައްޖަށް ދިއުމުގެ ކުރިން ކޮންމެ ފަރާތަކުންވެސް އެ ފަރާތެއްގެ ހުރި ސިއްހީ މައްސަލަތައް ދެނެގަނެ، ދުރާލާ އެކަމަށް ތައްޔާރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން އެ މަސައްކަތްތައް ބައްޓަންކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފިރުޒުލް ވިދާޅުވީ ހުރިހާ ހައްޖުވެރިންވެސް މެޑިކަލް ޗެކަޕް ހެދުމަކީ ލާޒިމު ކަމަކަށްވާއިރު، އަމިއްލަ ޖީބުން ހަރަދުކުރަން ނުޖެހި ހަރުދަނާ ނިޒާމެއްގެ ތެރެއިން އެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނާ، ހެލްތް މިނިސްޓްރީ އަދި އާސަންދަ ގުޅިގެން ކުރަމުންދާކަމަށެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށްދާ މީހުންނަށް އަތޮޅުތަކުގެ ރަށްރަށުންވެސް އިތުރު އަގަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު މީގެކުރިން ހިލޭ ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެހިފައި އޮތީ ހަމައެކަނި މާލެ ސިޓީގައެވެ. ހައްޖާއި އުމްރާއަށް ދިއުމަށް ވެކްސިން ހޯދުމުގައި އަތޮޅުތެރޭގެ ރައްޔިތުންނަށް އުދަގޫތަކާ ދިމާވާއިރު، ހައްޖު ކޯޕަރޭޝަނާއި ސަރުކާރާއި ގުޅިގެން ހައްޖުވެރިންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.