ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ބޭނުންވެފައިވާ ބަދަލު ހާމަވާ ކަމަށާއި އެ މަސްއޫލިއްޔަތު އަދާ ކުރެވޭނީ އެމްޑީޕީގެ ހިންގުން ހަރުދަނާ ކޮށްގެން ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒަ އިސްމާއިލް ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ރިފަރަންޑަމް ވޯޓުން އެމްޑީޕީ ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ އެމްޑީޕީން ހޯދި ކާމިޔާބީ އަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި ގިނަ އާންމުން ވެސް ދެކެމުންދެއެވެ.

އެކަމަކު އެމްޑީޕީގެ އެތެރޭގެ ކޯޅުން ގޯސްވެ ދާދި ފަހުން ވަނީ ޕާޓީގެ ގިނަ ދުވަސްވީ މެންބަރުން މަގާމުތަކުން ވަކިކޮށްފައެވެ. އެގޮތުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އަދި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފްވެސް ވަނީ އިއްޔެ މަގާމުން ވަކިކޮށްފައެވެ. އެއާއެކު އެމްޑީޕީގެ ޗެއާޕާސަންގެ ގޮތުގައި ވަގުތީ ގޮތުން ހުންނެވި އަބްދުލްގަފޫރު މޫސާ (ގަޕޯ)ގެ އަމަލުތަކާ މެދު އާންމު މެންބަރުންނާއި ލީޑާޝިޕްގެ ގިނަ ބަޔަކު ވެސް ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޕެޓިޝަނެއްވެސް އެމްޑީޕީގެ ގައުމީ މަޖިލިހަށް ހުށަހަޅާފައިވާ މި ދަނޑިވަޅުގައި ފައްޔާޒް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއަކީ، ދިވެހި ރައްޔިތުން އިސްލާހަށް ބޭނުންވެފައިވާ މިންވަރާއި، އެ ބަދަލު ގެނައުމަށް އެމްޑީޕީ އަށް ރައްޔިތުން ކުރާ އިތުބާރު ހާމަކޮށްދޭ ވަރުގަދަ ހެއްކެއް ކަމަށެވެ.

އަދި ރައްޔިތުން އެ އިސްލާހަށްޓަކައި އިތުބާރު ކުރާ އުޅަނދަކީ އެމްޑީޕީކަން ކަމަށާއި މިވަގުތު ހުންނެވި ޗެއާޕާސަން މަގާމުން ދުރުކުރުވުމަށް ސޮއި ކުރެއްވީ ވެސް އެ މަގުސަދުގައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ މިހާރުގެ ޗެއާޕާސަންއަށް ޕާޓީގެ ރޫހާއި އެއްބައިވަންތަކަން ދެމެހެއްޓުމުގައި ނާކާމިޔާބުވެފައިވާ ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރަމުންދާ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެސް ޕާޓީގެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ނުގެނެސް، ކުރީގެ ނާކާމިޔާބީތައް ތަކުރާރުވުމުގެ ބިރު އެބައޮތް ކަމަށާއި އެމްޑީޕީ އިސްލާހުކުރުމުގެ މަގަކީ ދިގު އަދި އުނދަގޫ މަގެއް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. އެކަމަކު ރާއްޖެއަށް ޑިމޮކްރަސީ ގެނެސްދިން އަދި ރައްޔިތުންގެ ޖިދުމަތުގައި ދެމިއޮތް ހަމައެކަނި ޕާޓީގެ ގޮތުގައި ޕާޓީ ދެމިއޮތުމަށްޓަކައި، އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތައް އަލުން މުރާޖާކޮށް، ޕާޓީގެ ބިންގާ ވަރުގަދަކުރަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވެފައި ވެއެވެ.

"މިއީ ބަހުސްކޮށް، ސުވާލު އުފައްދައި، ރައްޔިތުންގެ އިހުސާސްތަކާ ގުޅިފައިވާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އަލުން ބިނާކުރަންވީ ވަގުތު. ވީ އެންމެ އަވަހަކަށް ޕާޓީގެ ކޮންގްރެސްއެއް ބާއްވާ"
ފައްޔާޒް

އަދި ޕާޓީގެ އިސްލާހީ ދަތުރު ބައްޓަންކުރުމަށްޓަކައި، ޕާޓީގެ އެންމެހާ މެންބަރުންނާއި އާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހުށަހެޅުމަށް ވެސް ފައްޔާޒް ވަނީ ދައުވަތު އަރުވާފައެވެ.

އެމްޑީޕީގެ މެންބަރުން ވަކިކުރުމަށް ގަޕޯ ފޮނުއްވި ސިޓީގައި ވަކި ސަބަބެއް ހާމަކޮށްފައި ނުވާއިރު އިބުރޭ ވަނީ އެއީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށް ބުނެ ގަޕޯ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މީގެ އިތުރުން، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު އެޖެންޑާއިން އުނިކުރި މައްސަލައިގައި ވެސް ޕާޓީ ތެރޭގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުން އެ ޖަލްސާ ބޮއިކޮޓްކުރި ނަމަވެސް، ގަޕޯ ވިދާޅުވީ އެއީ މަސްލަހަތު ގެއްލޭ ގޮތަށް ބަޔަކު ފެތުރި ވާހަކަތަކެއް ކަމަށެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގަޕޯ އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތީ، ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.